މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު، ރައީސް ޑރ، މުޙައްމަދު މުޢިއްޒަށް މިއަދު ހެނދުނު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ރައީސް މުޢިއްޒު، މަސްޖިދުއްނަބަވީގެ އިމާމަށް މަރުޙަބާ ދަންނަވައި، ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ. މިއީ ވޭތުވެދިޔަ 41 އަހަރުގެ ތެރޭގައި މަސްޖިދުއްނަބަވީގެ އިމާމަކު ރާއްޖެއަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކުރެއްވިއެވެ.
އިމާމް، ޑރ. ޞަލާޙުލް ބުދައިރު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނަށް ރާއްޖެއިން އެރުވި ދަޢުވަތާއި މެހެމާންދާރީއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ދެ ޤައުމުގެ މެދުގައި އޮތް ގުޅުމަކީ އިސްލާމީ އުޚުއްވަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށް ވިދާޅުވެ، އެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އިމާމު ވަނީ ސަޢޫދީ ރަސްގެފާނާއި ވަލީޢަހުދު ބޮޑުވަޒީރުގެ ހެޔޮ އެދުންތައް ރައީސް މުޢިއްޒު އަށް އަރިސްކުރައްވާފައެވެ.
މި ޒިޔާރަތުގައި ރައީސް މުޢިއްޒު ރާއްޖޭގެ ތަރައްޤީގައި، ޚާއްޞަކޮށް އިސްލާމީ ތަޢުލީމު ފުޅާކުރުމުގައި ސަޢޫދީ ޢަރަބިއްޔާގެ ދައުރުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ޙައްޖާއި ޢުމްރާގެ އަޅުކަމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމާއި، ޙައްޖާއި ޢުމްރާވެރިންނަށް ސަޢޫދީ ސަރުކާރުން ފޯރުކޮށްދެމުންދާ މެހެމާންދާރީއަށް ޚާއްޞަ ޝުކުރެއް ދެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!