ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވާ އިމާރާތް، މިހާރު ހޮސްޕިޓަލް ހިންގަމުން އަންނަ ބިމުގައި އެޅޭނެ ގޮތުގެ ހިޔާލެއް ހުށަހަޅާފައިވާ ކަމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމަށް ބިން އިތުރުކުރުމަށް އެދި ހެލްތު މިނިސްޓްރީން ވަނީ އެ ސިޓީ ކައުންސިލަށް ސިޓީއަކުން އެދިފައެވެ. އެ ސިޓީގައި އެދިފައިވަނީ އެސްޓީއޯ ފާމަސީ އުތުރުން އޮންނަ ސަރަހައްދުން ފެށިގެން ނޮލެޖް ސެންޓަރާ ހަމައަށް ބިން އިތުރުކުރުމަށެވެ

Ad
rt

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަމުން އަންނަބިމުގެ އުތުރުގައި، ބޮޑެތި ގަސްތަކުން ހިޔާވެފައި އޮންނަ ސަރަހައްދަކީ އެ ސިޓީއަށް ދަތުރުކުރާ ގިނަބަޔަކު މަޑުކޮށްލައި އަރާމުކޮށްލަން ބޭނުން ކުރާ ސަރަހައްދެކެވެ. އަދި އެ ސަރަހައްދަކީ މި ތިން އަތޮޅު މީހުންގެ މަގުބޫލުކަށް ހޯދާފައިވާ ހޮނިހިރު ބާޒާރު ވެސް އޮންނަ ސަރަހައްދަށްވުމުން، އެ ސަރަހައްދުގެ ފެހިކަން ނައްތާލައި އައު ހޮސްޕިޓަލް އެޅުމާއިމެދު އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. އަދި މީގެއިތުރުން ކުޅުދުއްފުށި ހޮސްޕިޓަލް މިހާރު ހިންގަމުން އަންނަ ބިމަކީ، ބިމުގެ ގޮތުން ވަރަށް ބޮޑު ސަރަހައްދަކަށްވެފައި، އެތަނުގައި އިތުރު ހޮސްޕިޓަލެއް އެޅޭނެ ޖާގައޮތް ކަމުގައި ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

އާންމުންގެ މެދުގައި މި ކަންބޮޑުވުން އުފެދިފައިވަނިކޮށް އެކަމަށް އިޝާރާތް ކުރައްވައި، މޭޔަރ އާތިފް ސޯޝަލް މީޑިއާގައި ވިދާޅުވީ ދެކަމެއްގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އާތިފް ވިދާޅުވީ ކުޅުދުއްފުއްޓަށް އަންނަ އެއްވެސް ތަރައްގީގެ މަޝްރޫއުއެއްގެ ހުރަހަކަށް އޭނާއާއި ސިޓީ ކައުންސިލް ނުވާނެ ކަމަށާއި އަދި ތަރައްގީ ގެނެވޭނެ ހުރިހާމަގެއް ކޮށުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ ރައްޔިތުން ގާތު އަހާނެ ކަމަށާއި އެކަމަށް ގޮތެއް ނިންމާނީ ރައްޔިތުން ކަމުގައި މޭޔަރ ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން އެދުނު ބިމުގެ ބަދަލަށް، ސިޓީ ކައުންސިލުން މިހާރުވާނީ ހޮސްޕިޓަލް އިމުގެ ތެރޭގައި އެކަން ކުރެވޭނެގޮތުގެ އިތުރު ހިޔާލެއް ހުށަހަޅާފައި ކަމަށާއި މިނިސްޓްރީއިން ވަރަށް އަވަހަށް އެކަމަށް ގޮތެއް ނިންމާފައި އަންގާނެ ކަމަށް ވިދާޅުވެފައިވާ ކަމުގައި މޭޔަރ ވިދާޅުވިއެވެ.