އެމެރިކާގެ ކޮންގްރެސް މެންބަރުންނާއި، އޮފިޝަލުންނާއި، އަދި އެންޖީއޯތަކުގެ އިސްވެރިންނަށް ފިޔަވަޅު އަޅަން ޗައިނާއިން ނިންމައިފިއެވެ. މިއީ ހޮންގކޮންގާ ގުޅޭ މައްސަލަތަކުގައި އެފަރާތްތަކުން "ނޭދެވޭ ޢަމަލުތައް" ހިންގުމުގެ ސަބަބުން ކަމަށް ޗައިނާއިން ބުނެއެވެ.

ބޭރުގެ ޚަބަރު އޭޖެންސީތަކުން ރިޕޯޓުކުރި ގޮތުގައި، ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕަރސަން ގުއޯ ޖިއަކުން ބޭޖިންގގައި ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ "ހޮންގކޮންގަކީ ޗައިނާގެ ހޮންގކޮންގެވެ. އަދި ހޮންގކޮންގގެ ކަންކަމަށް އެމެރިކާއިން އަތްފޯރުވުމަކަށް ފުރުޞަތެއް ނޯންނާނެއެވެ. ހޮންގކޮންގާ ގުޅޭ މައްސަލަތަކުގައި އެމެރިކާއިން އަޅާ ކޮންމެ ނުރަނގަޅު ފިޔަވަޅަކަށް ޗައިނާއިން ހަރުކަށި ޖަވާބެއް ދޭނެއެވެ" ކަމަށެވެ.

Ad
rt

މި ނިންމުން އައިސްފައިވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން، އެމެރިކާއިން ޗައިނާ އާއި ހޮންގކޮންގގެ 6 އިސް އޮފިޝަލަކަށް ފިޔަވަޅު އެޅުމަށް ފަހުގައެވެ. އެމެރިކާއިން ބުނެފައިވަނީ މި އޮފިޝަލުން "ޓްރާންސްނޭޝަނަލް އަނިޔާވެރިކަން" ހިންގައި، ހޮންގކޮންގގެ މިނިވަންކަން އިތުރަށް ނިގުޅައިގަތް ކަމަށެވެ.

އެމެރިކާއިން ތުހުމަތުކޮށްފައިވަނީ ބޭޖިންގ އާއި ހޮންގކޮންގގެ އޮފިޝަލުން ހޮންގކޮންގގެ ޤައުމީ ސަލާމަތީ ޤާނޫނުތައް ބޭނުންކޮށްގެން "ބިރުދެއްކުމާއި، އަޑު މަޑުކުރުވުމާއި، އަދި ފިލައިގެން ދާންޖެހުނު ޑިމޮކްރަސީ ޙިމާޔަތްކުރާ 19 ހަރަކާތްތެރިންނަށް ފުރައްސާރަކުރުން" ހިންގި ކަމަށެވެ. މީގެ ތެރޭގައި އެމެރިކާގެ ރައްޔިތެޔިތެއް އަދި އެމެރިކާގެ އެހެން ރެސިޑެންޓުން ހިމެނެއެވެ.

ޗައިނާގެ މި އެންމެ ފަހުގެ ފިޔަވަޅަކީ ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުގެ މެދުގައި ކުރިން ފެށިފައިވާ ވިޔަފާރީގެ ހަނގުރާމައަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.