ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުވުމާމެދު ފަޚުރުވެރިވާންޖެހޭ ކަމަށާއި، އެކަމާ މަލާމާތްކުރާ މީހުންނަކީ ޤައުމިއްޔަތުކަމެއް ނެތް ކޮންމެ ގޮތެއް ވަރިހަމަ މީހުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހި ސިފައިންގެ ފެންވަރު މަތިކުރުމާއި، ސިފައިންނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމާއި، ތަމްރީނުތައް ދިނުމާއި، އަދި ސިފައިންގެ ބާރު އިތުރުކުރުމަކީ ދިވެހި ރައްޔިތުން ފަޚުރުވެރިވާންޖެހޭނެ ކަންކަން ކަމަށެވެ.

ހަމައެހެންމެ، ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ޤައުމުގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމާމެދު މަލާމާތްކުރާ މީހުންނަކީ ޤައުމިއްޔަތުކަމެއް ނެތް، ޤައުމީ ލޯތްބެއް ނެތް، އަދި މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ ބަޔެއް ކަމަށެވެ. މިފަދަ ވިސްނުމުން ޤައުމު ސަލާމަތްކުރުމަކީ ޤައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއް ކަމަށާއި، ކޮންމެ ދިވެއްސެއްގެ ހިތުގައި ޤައުމީ ލޯބި އޮންނަންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

133 ވަނަ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި 49 ސިފައިންނަށް ރައީސްގެ މެޑެލި ދެއްވާފައި ވެއެވެ. އަދި 71 ވަނަ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވި 115 ދަރިވަރުންނަށް ސިފައިންގެ ހުވާ ލައިދެއްވައި، ބަޑި ހަވާލުކޮށްދެއްވުން އޮތެވެ.

މި ޖަލްސާގައި ވަނީ ޖަލްސާގައި "ހަށިހެޔޮކަމުގެ ކުލަ" މި ނަމުގައި އައު ޝަރަފުގެ ނިޝާނެއް ވެސް ތަޢާރަފްކޮށްފައެވެ.