އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތް ނުހުއްޓި ކުރިއަށްދާ ކަމަށާއި، މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އެކަމަށް ޚާއްސަ ޕޯޓެއް އުތުރުގައި ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، އުތުރުގައި އޮފް ޕޯޓު އޭރިއާއެއް މިހާރު ތަރައްޤީކުރެވިފައިވާ ކަމަށާއި، ޕޯޓެއް ނެތި މި ޚިދުމަތް އަވަހަށް ފެށުމަށްޓަކައި މިގޮތަށް ކުރިއަށް ގެންދިޔަ ނަމަވެސް، މިހާރު އުތުރުގައި ޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏާއެކު ކުރިއަށްދާ ކަމަށެވެ.

Ad
rt

މި ޚިދުމަތް ދެމުންދަނީ އެސްޓީއޯއިން ކަމަށާއި، މި ޚިދުމަތުން ލިބެމުންދާ އާމްދަނީގެ ތަފްސީލްތައް އެނގޭނީ އެ ކުންފުންޏަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް ރަނގަޅު އާމްދަނީއެއް ލިބެމުންދާކަމަށް ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އިންޓަރނޭޝަނަލް ބަންކަރިންގއާ ބެހޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްކުރެވެމުންދާ ކަމަށާއި، ބަންކަރިންގެ ވިޔަފާރިކުރާ ފަރާތްތަކަށް ބޭންކުތައް މެދުވެރިކޮށް މާލީ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު ސަޢީދު ހާމަކުރެއްވިއެވެ.

މި ޚިދުމަތް ފެށުމާއެކު ރާއްޖޭގެ އުތުރުގައި އައު ވިޔަފާރިއެއް ފެށި، ވަޒީފާގެ ފުރުސަތުތަކެއް އުފެދިގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ. އަދި މި ޚިދުމަތް އިތުރަށް ފުޅާވެގެންދިއުމާއެކު ރާއްޖޭގެ އިޤްތިޞާދަށް ފައިދާތަކެއް ކުރާނެ ކަމަށްވެސް ބެލެވެއެވެ.

ބަންކަރިން ޚިދުމަތް އިފްތިތާޙްކޮށްފައި ވަނީ 19 ސެޕްޓެމްބަރު 2024 ގައި ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ބަންކަރިން ޚިދުމަތް ދިނުމަށް މައި އޮފީސް ގޮތުގައި ހއ. އުލިގަމުގައި 'އުތުރު އައިއެސްޕީއެސް ގޭޓް' ހުޅުވާފައި ވަނީ 18 ސެޕްޓެމްބަރު 2024 ގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓް" ގެ ދަށުން އެކަމާއި ގުޅުންހުރި ކަންކަން އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު (ސީއޭއައި) ކުންފުންޏާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓު ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) އާއިއެކު 9 ނޮވެމްބަރު 2024 ގައި ވަނީ ސޮއިކޮށްފައެވެ.