ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި، ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގަައި މި ޤައުމު ދެމިއޮތުމެވެ.

''ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުން. ދިވެހި ސިފައިންގެ މުއައްސަސާގެ އޭރާއި މިހާރުގެ ހުރިހާ ޚިދުމަތްތެރީންނަށް، ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ދަންނަވަން.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވަނީ މާތްވެގެންވާ އިސްލާމްދީނާއި، މި ވަޠަނުގެ މުސްތަޤިއްލުކަމުގެ ޙައްޤުގައި ދިވެހި ސިފައިން އެ ކުރައްވާ ހިންމަތްތެރި މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލެއްވުންއެދި ދުޢާ ދަންނަވާފައެވެ.

ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ފޮނުއްވި މެސެޖެއްގައި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ރައީސް ކުރަށްވާ މަސައްކަތްޕުޅު ވަނީ ފާހަގަކުރަށްވާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 133 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި، ސިފައިންގެ މަގުމަތީ ހިނގާލުން 19 އޭޕްރިލް 2025 ގައި ވަނީ ބާއްވާފައެވެ. މި ހިނގާލުން ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޢިއްޒު އެވެ.