އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ހިނގަމުންދާ މުޒާހަރާތައް ވަރުގަދަވަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މި މުޒާހަރާތަކުގައި އެތައްހާސް މީހުން ބައިވެރިވެ، ޓްރަމްޕް ސަރުކާރުގެ އެކި ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލަމުންދާކަން ވަނީ ފެންނަން ފަށާފައެވެ.
ވޮޝިންގްޓަން ޑީސީގައި ހިނގި މުޒާހަރާގައި ބައިވެރިން ވަނީ ވައިޓް ހައުސްގެ ކުރިމަތީގައި އެއްވެ، "މަސައްކަތްތެރިންނަށް ބާރު ލިބިދޭންޖެހޭ"، "ރަސްކަމެއް ނޫން"، "އިސްރާއީލަށް ހަތިޔާރު ދިނުން ހުއްޓާލާ" އަދި "ޤާނޫނީ އިޖުރާއަތު" ފަދަ ބެނާތައް ހިފައިގެން އެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލާފައެވެ. މީގެ އިތުރުން، މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ފަލަސްތީނުގެ ދިދަ ނަގައި، "ފަލަސްތީން މިނިވަންކުރާ" ގޮވަމުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި ޝަހީދުވަމުންދާ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކޮށްފައެވެ.
މި މުޒާހަރާތަކުގައި ބައިވެރިވި ބައިވެރިން ވަނީ ޓްރަމްޕް ސަރުކާރުން ޑިޕޯޓްކޮށްފައިވާ ނުވަތަ ޑިޕޯޓްކުރަން މަސައްކަތްކުރަމުންދާ މީހުންނަށް އެއްބާރުލުން ދީ، ސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާއި ފަންޑިންގ ގެއްލުމުގެ ބިރު ހީވެފައިވާ ޔުނިވަރސިޓީތަކަށް އެއްބައިވަންތަކަން ފާޅުކޮށްފައެވެ.
މީގެ އިތުރުންވެސް ބައިވެރިން ވަނީ ޓްރަމްޕް ސަރުކާރުގެ ޑިޕޯޓޭޝަން ސިޔާސަތުތަކާއި، ސަރުކާރުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި، ޣައްޒާ އަދި ޔުކްރެއިންގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅޭ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލާފައެވެ. މި މުޒާހަރާތަކަކީ އެމެރިކާގެ ސިޔާސީ މަޝްރަޙުގައި ހިނގަމުންދާ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!