ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކް ބަލިކޮށް އިންޓަ މިލާނުން ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ފާއިތުވި ހަފްތާގައި ކުޅެފައި ވަނީ ބަޔާންގެ ދަނޑުގައެވެ. އެ މެޗު އިންޓަ މިލާން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ. ދެވަނަ ލެގުގެ މެޗު ރޭ ކުޅުނީ އިންޓަގެ ދަނޑުގައެވެ. ރޭ މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. އިންޓަ ސެމީން ޖާގަ ހޯދާފައިވަނީ 4-3 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ބަޔާނުންނެވެ. ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނިޓްގައި ބަޔާނަށް ލީޑުނަގައިދިނީ ލެއޯން ގޮރެޓްޒްކާ ދިން ބޯޅައަކުން ހެރީ ކޭން އެވެ.
ބަޔާނުން ލީޑުނެގި ފަހުން، މާ ލަސްތަކެއް ނުވެ، އިންޓަ އިން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައި، ނަތީޖާ އަނބުރާލާފައެވެ. އެ ގޮތުން އިންޓަ އިން އެއްވަރުކުރީ 58 ވަނަ މިނިޓްގައި ލައުޓާރޯ މާޓީނޭޒް ޖެހި ގޯލުންނެވެ. އަދި، އޭގެ ތިން މިނިޓް ފަހުން، ބެންޖަމިން ޕަވާޑް ވަނީ ގޯލު ޖަހައި، އިންޓަ އަށް ލީޑުހޯދައިދީފައެވެ.
މެޗުގައި ބަޔާނަށް އެއްވަރުކޮށްދިން ގޯލު ޖެހީ، 76 ވަނަ މިނިޓްގައި އެރިކް ޑަޔާ އެވެ. މިއީ، ސާޖް ގްނަބްރީ ދިން ބޯޅައަކުން ޑަޔާ ޖެހި ގޯލެކެވެ.
މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބަޔާންގެ ދަނޑުގައެވެ. ރޭ މެޗުން ނަތީޖާ ނުނެރެވުމުން އަމިއްލަ ދަނޑުގައި ފައިނަލް މެޗު ކުޅުމަށް ބަޔާނުން ދެކެމުން އައި ހުވަފެން ނިމުމަކަށް އައީއެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި އިންޓަ މިލާން ވާދަކުރާނީ ބާސެލޯނާއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!