އެމެރިކާގައި ހައްލައްކަ ޑޮލަރުގެ ގަހަނާ ދިރުވާލައިގެން ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

އެމެރިކާގެ އޯލަންޑޯގައި ހުންނަ ޓިފަނީ އެންޑް ކޯ. ފިހާރައިން ގާތްގަނޑަކަށް 770،000 ޑޮލަރުގެ އަގުހުރި ކަންފަތު ގަހަނާ ވަގަށް ނަގައި، އެ ގަހަނާ ދިރުވާލައިގެން ފިލަން އުޅުނު މީހަކު މިހާރުހުރީ އެމެރިކާގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

Ad
rt

ޖޭތަން ގިލްޑަރ (32 އަހަރު) ނަމަކަށް ކިޔާ މީހަކު އެން.ބީ.އޭގެ އެސިސްޓެންޓެއްގެ ގޮތުގައި ދައްކައި، މޯލް އެޓް މިލޭނިއާގައި ހުންނަ ޓިފަނީ އެންޑް ކޯ. ފިހާރައަށް ވަދެ، ވީ.އައި.ޕީ ރޫމުގައި ހުރި އަގުބޮޑު ގަހަނާތައް ދައްކަން އެދުނެވެ. އޭގެ ތެރޭގައި 575،000 ޑޮލަރުގެ އަނގޮޓިއަކާއި 780،000 ޑޮލަރުގެ ކަންފަތު ގަހަނާއެއް ހިމެނެއެވެ.

ފުލުހުން ބުނާ ގޮތުގައި ގިލްޑަރ ވަނީ ކަންފަތު ގަހަނާ ވަގަށް ނަގައި ފިހާރައިން ފިލައިގެން ގޮސްފައެވެ. އެހެންނަމަވެސް އޭނާ ދުއްވައިގެން ދިޔަ އުޅަނދު ފްލޯރިޑާ ހައިވޭ ޕެޓްރޯލްގެ ފަރާތުން ހުއްޓުވާލިއެވެ. އެ ވަގުތު އޭނާގެ އަނގައިގައި އެއްޗެއް އޮތްކަން ފާހަގަކުރެވި، އެ އެއްޗެއް އޭނާ ވަނީ ދިރުވާލާފައެވެ.

ހޮސްޕިޓަލުގައި ހެދުނު ބޮޑީ ސްކޭނަކުން ވަނީ ކަންފަތު ގަހަނާ އޭނާގެ ހަށިގަނޑުގެ ތެރޭގައި ހުރިކަން ކަށަވަރުވެފައެވެ. އެއަށްފަހު 12 ދުވަހުގެ މުއްދަތަކަށް ގިލްޑަރ ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ހޮސްޕިޓަލުގައި ބަހައްޓާފައެވެ.

"މި މައްސަލައަކީ ކުއްލިއަކަށް ނިންމާލެވޭ ވަރުގެ މައްސަލައެއް ނޫން. މިއީ ދިގު މުއްދަތެއްގެ މަސައްކަތެއް،" ވީ.ސީ.ޔޫގެ ޑިޓެކްޓިވް އެރަން ގޮސް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ތަޙްޤީޤު ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.