ކުޅުދުއްފުށި ސިޓީގައި ބާރު ސްޕީޑެއްގައި ދުއްވާފައި އައި ފުލުހުންގެ ކާރަކާއި މީހަކު ކުޑަކުއްޖެއް ގޮވައިގެން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ.
މިއަދު މެންދުރުފަހު ގާތްގަނޑަކަށް 15:50 އެހާއިރު ހިނގި މި އެކްސިޑެންޓްވީ ފަރީދީމަގުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ފުލުހުންގެ ކާރު، ހަނި ގޯޅިން ފަރީދީމަގަށް ނުކުންނަމުންދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.
މައުލޫމާތު ލިބޭގޮތުގައި ސައިކަލު ދުއްވަން އިން އަންހެން މީހާ ހަނި ގޯޅިން ނުކުތީ ނުބައި ފަޅިއަކުންނެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އަންހެން މީހާ ދުއްވަން އިން ސައިކަލުގެ ކުރީގައި އިން ތުއްތު ކުއްޖާގެ ގައިގައި ބެލްޓެއް ނާޅުވައެވެ. އަދި ގޯޅިން އަޅާލިއިރު މަގަށް ސީދާ ކޮށްނުލެވެނީސް ޕޮލިސް ކާރާޖެހި އަންހެން މީހާ ވިއްސައިިގެންދިޔަ ވަގުތު ޕޮލިސް ކާރު ފުރޮޅު ދަށަށް ވާހެން ތުއްތު ކުއްޖާވެސް ވިއްސައިގެންދާ މަންޒަރު ފުޓޭޖުން ފެނެއެވެ.
މި ހާދިސާގައި އަންހެން މީހާ އަށާއި ތުއްތު ކުއްޖާއަށް ލިބުނު އަނިޔާތަކާ ބެހޭ ގޮތުން ހޮސްޕިޓަލުން ވަކި އެއްޗެކޭ ނުބުނެއެވެ.
ސައިކަލު ޖެހުނު ބާރުން ޕޮލިސް ކާރުގެ ވާތު ފަރާތު ބަމްޕަރ އަށް ގެއްލުންތަކެއް ވެފައިވާއިރު މި ހާދިސާއާއި ބެހޭގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތެއް އަދި ނުވެއެވެ.
މި ހަފްތާގެ އާދީއްތަ ދުވަހުގެ ރޭވެސް ކުޅުދުއްފުށިގައި ވަނީ ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައެވެ. މި ހާދިސާގައި އަނިޔާވި ޒުވާނާ އަށް ސީރިއަސް އަނިޔާތަކެއް ވުމުގެ ސަބަބުން އައިސީޔޫގައި ބާއްވައިން ފަރުވާދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!