މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑި އަކީ މިއަދު (8 އޭޕްރީލް 2025) އިން ފެށިގެން ހެނދުނު 8 ކުން މެންދުރުފަހު 2 އަކަށް ހަމަޖައްސައިފިއެވެ.

މިހާތަނަށް އިމިގްރޭޝަނުން ރަސްމީ ގަޑިއެއްގެ ގޮތުގައި ޚިދުމަތް ދެމުންދަނީ ހެނދުނު 8 ކުން ހަވީރު 4 ކަށެވެ. ނަމަވެސް އިއްޔެ އިމިގްރޭޝަނުން ގަޑިތަކަށް ބަދަލުގެނެސް ނެރުނު އިއުލާނުގައި ވާގޮތުން އިމިގްރޭޝަންގެ ޚިދުމަތް ދޭ ގަޑި އެހެން ސިވިލް ސާވިސްތަކުގެ މަސައްކަތު ގަޑިއެކޭ އެއްގޮތަށް ވަނީ ބަދަލުކޮށްފައެވެ.

Ad
rt

އެ އިދާރާއިން ބުނެފައިވަނީ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލެއް އައިކަމުގައިވިއަސް، މިހާރުވެސް ޚިދުމަތް ދޭ ގަޑިތަކުގައި ޙިދުމަތްތައް އާންމުނަށް ލިބޭނެކަމަށެވެ.

އެގޮތުން ޕާސްޕޯޓާއި ގުޅޭ ޚިދުމަތްތަކަށް ބުރޫ ނާރާނެހެން ގަޑިތައް ފައްތައި، މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ގަޑި ކުރުވިއަސް އާންމުންނަށް ޕާސްޕޯޓް ލިބުމުގައި ދައްޗެއް ނުވާނެކަމުގެ ޔަގީންކަން އިމިގްރޭޝަނުން ދީފައިވެއެވެ.

މިވަގުތު ސަރުކާރުގެ ޔުނީފޯމް ބޮޑީތަކުގެ ތެރެއިން ސިވިލް ސާވިސްގެ ދާއިރާގެ ތެރޭގައި ހިންގަނީ އިމިގްރޭޝަން އެކަންޏެވެ.