ބ. އަތޮޅުން ފެށިގެން ދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މޫސުން އިތުރަށް ގޯސްވެ، އޮރެންޖު އިންޒާރު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މި ސަރަހައްދުތަކަށް އޮރެންޖު އިންޒާރު ނެރެފައި ވަނީ މިރޭ 21:45 އިން މެންދަމު 2:00 އަށެވެ.
މި ސަމާލުގެ ވަގުތުގައި ގުގުރައި، ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހި ފެން ބޮޑުވާނެކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި، އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެއެވެ. ވަކިން ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވައިވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މޫސުމާ ގުޅިގެން ނެރޭ ސަމާލު، އޮރެންޖު އިންޒާރަކީ ކޮބާ؟
އޮރެންޖު އިންޒާރު:
މި ސަމާލުގެ މުއްދަތުގައި 1 ގަޑިއިރު ތެރޭ 90 މިލިމީޓަރު ނުވަތަ 6 ގަޑިއިރު ތެރޭ 120 މިލިމީޓަރުގެ ވާރޭވެހި ފެންބޮޑުވުން އެކަށީގެން ވެއެވެ. މި އެލާޓް ނެރެނީ ފާއިތުވި 3 ގަޑިއިރު 34-40 މޭލަށް ނުވަތަ ފާއިތުވި 1 ގަޑިއިރު 36-42 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުމުންނެވެ. ވިލާގަނޑުގައި 63 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ.
ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. އުދަ އަރާކަމަށް މަދުވެގެން 10 ރަށަކުން ރިޕޯޓް ކުރުން ނުވަތަ އެވަރު ސަރަހައްދަކަށް އުދަ އަރާނެކަމަށް ލަފާކުރެވުން މި ސަމާލު ނެރޭނެ އެވެ.
ކަނޑު ދަތުރުފަތުރު ކުރުމަކީ މި ސަމާލުގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.
މި ދުވަސް ވަރަކީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަރަށް މޫސުން ގޯސް ދުވަސް ވަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!