އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާއެކު ނިއުކްލިއަރ ޑީލެއް ހެދުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް އީރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ ހޮނިހިރު ދުވަހު ކަނޑައެޅިގެން ދެކޮޅު ހައްދަވައިފިއެވެ.
އެމެރިކާއިން މަޝްވަރާތަކަށް ގޮވާލަނީ އީރާނުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ނޫންކަމަށާއި، އަމިއްލަ ބޭނުންތައް ތަންފީޒުކުރުމަށްކަމަށް ޚާމަނާއީ ވިދާޅުވިއެވެ.
މިއާއެކު، ރައީސް ޓްރަމްޕް ފޮނުއްވި ކަމަށް ބުނާ ސިޓީއެއް އަދި އީރާނަށް ލިބިފައިނުވާކަން ތެހެރާނުގެ އޮފިޝަލުން ތަކުރާރުކޮށް ވަނީ ފާހަގަކޮށްފައެވެ.
"ބައެއް ބުލީ ސަރުކާރުތަކުން މަޝްވަރާތަކަށް އެބަ ޑިމާންޑް ކުރޭ. އެހެނަސް އެމީހުންގެ މަޝްވަރާތަކުގެ މަޤްޞަދަކީ މައްސަލަތައް ހައްލުކުރުމެއް ނޫން، އަމިއްލަ ބާރާއި ބޭނުންތައް ތަންފީޒުކުރުން," ކަމަށް އިރާނުގެ އިސް އޮފިޝަލުންނާއެކު ބޭއްވުނު ބައްދަލުވުމެއްގައި ޚާމަނާއީ ވިދާޅުވިއެވެ.
ޓްރަމްޕް ވަނީ ފޮކްސް ބިޒްނަސްއަށް ދެއްވި އިންޓަވިއުއެއްގައި "އީރާނާ ދޭތެރޭ ކަންތައް ކުރާނެ ދެގޮތެއް އެބައޮތްކަމަށް ވިދާޅުވެފައެވެ. އެއީ އަސްކަރީގޮތުން ނުވަތަ އެއްބަސްވުމަކަށް ވާސިލުވުންކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ޚާމަނާއީ ދެކިވަޑައިގަންނަވާ ގޮތުގައި، އެމެރިކާއިން ބޭނުންވަނީ ހަމައެކަނި ނިއުކްލިއާ މައްސަލަތަކަށްވުރެ އިތުރަށް އީރާނުގެ ދިފާޢީ ޤާބިލިއްޔަތާއި ބައިނަލްއަޤުވާމީ ނުފޫޒަށް އީރާނު ބޯލެންބުން ކަމަށެވެ.
"އެމީހުންނަށް މަޝްވަރާއަކީ އައު ޑިމާންޑްތައް ތަޢާރަފު ކުރުމުގެ ވަސީލަތެއް، އެމީހުން ހުށަހަޅަނީ އީރާނުން ކަނޑައެޅިގެން ޤަބޫލުނުކުރާނެ އައު އުންމީދުތަކެއް" ކަމަށް ޚާމަނާއީ އިތުރު ކުރެއްވިއެވެ.
ފާއިތުވި އަހަރުތަކުގައި އީރާނާއި އެމެރިކާ ދެމެދު ނިއުކްލިއަރ މައްސަލަތަކާ ގުޅޭގޮތުން ދެފަރާތުގެ ގުޅުން ވަނީ ގޯސްވެފައެވެ. 2018 ގައި ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުން އެމެރިކާއިން ވަނީ 2015 ގައި ވެވުނު އީރާނުގެ ނިއުކްލިއަރ އެއްބަސްވުމުން ވަކިވެފައެވެ.
އޭގެފަހުން އީރާނުގެ މައްޗަށް އެމެރިކާއިން ވަނީ އިތުރު ދަތިކުރުވަނިވި ފިޔަވަޅުތަކެއް އަޅާފައެވެ. 2022 ގައި މަޝްވަރާތައް އިތުރަށް ކުރިޔަށްދިޔަ ނަމަވެސް، އެއްވެސް ނަތީޖާއެއް ނުނެރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!