ށ.ގޮއިދޫގައި ސްލިޕްވޭއެއް ތަރައްގީ ކުރުމަށް ލިޓަސް މޯލްޑިވްސްއާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ގޮއިދޫ ކައުންސިލާއި ލިޓަސް މޯލްޑިވްސްއާއި ދެމެދު ސޮއިކޮށްފައި ވަނީ 13 ފެބްރުއަރީ 2025 ގައި ގޮއިދޫ ކައުންސިލުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ބައްދަލުވުމުގައެވެ.
ގޮއިދޫގެ ލޭންޑްޔޫސް ޕްލޭނުގައި ސްލިޕްވޭއެއް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ބިމުގައި، ސްލިޕްވޭއެއް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އެ ކައުންސިލުން ބީލަމަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ.
ލިޓަސް މޯލްޑިވެސް އިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުންފުނިން ގޮއިދޫގައި ތަރައްގީކުރާ ސްލިޕްވޭގެ މަސައްކަތް އަންނަ އޭޕްރިލް މަހު ފަށައި، ހަމަސްދުވަހުގެ ތެރޭ ނިންމައި އޮޕަރޭޝަނަށް ގެންނަން މަސައްކަތް ކުރާނެ ކަމަށެވެ.
ގޮއިދޫ ސްލިޕްވޭގެ ސަބަބުން ޚިދުމަތްތައް އިތުރަށް ފުޅާވެ، މޯލްޑިވްސްގައި މެރިޓައިމް އޮޕަރޭޝަންތައް އިތުރުކުރުމަށް މަގުފަހުވެގެންދާނެ ކަމުގައި ލިޓަސްއިން ބުންޏެވެ.
މި ޕްރޮޖެކްޓާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝާހިދު ބުނީ އެ ރަށު ލޭންޑްޔޫސް ޕްލޭނުގައި ސްލިޕްވޭއެއް ތަރައްގީކުރުމަށް ހިމަނާފައިވާ 80000 (އައްޑިހަހާސް) އަކަފޫޓުގެ ބިމުގައި ސްލިޕްވޭއެއް ތަރައްގީކޮށް ހިންގުމަށް ލިޓަސް މޯލްޑިވްސްއާއި ހަވާލުކުރެވިފައިވަނީ 50 އަހަރު ދުވަހަށް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!