ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު (ވަމީ) އާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން އިންތިޒާމް ކުރާ ޢުމްރާ ދަތުރުގެ ބައިވެރިން މިއަދު ފުރައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، މި ދަތުރަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާން ކުރައްވާފައިވާ އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ ދަތުރެއް ކަމަށެވެ.
14 ފެބްރުއަރީ އިން 21 ފެބްރުއަރީ 2025 އަށް ސްޓަޑީ ޓުއަރ އެއްގެ ގޮތުގައި ބާއްވާ މި ދަތުރުގައި އެމްއެންޔޫ، އައިޔޫއެމްގެ ޔޫނިއަން، ސީއެޗްސީ، ވިލާ ކޮލެޖް، ޒިކުރާ ކޮލެޖް، އަހުމަދިއްޔާ ސްކޫލު، ހިރާ ސްކޫލު އަދި ޒުވާން ޚަޠީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތައް ބައިވެރިވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، މި ދަތުރުގައި ބައިވެރިން ޢިލްމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުން މައްކާ އަދި މަދީނާގެ ޚާއްސަ ތަންތަނަށް ޒިޔާރަތްކުރާނެއެވެ.
މިފަދަ ދަތުރުތަކުގެ މަޤްޞަދަކީ ދިވެހި ޒުވާނުންގެ މެދުގައި އިސްލާމީ ލީޑަރޝިޕް ކުރިއެރުވުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.
އެ ވުޒާރާން ވަނީ މިދިޔަ އަހަރު ވެސް މިފަދަ ގިނަ ދަތުރުތަކެއް ބޭއްވިކަން ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އިމާމުންނާއި ޚަޠީބުން، ސައުދީ ޢަރަބިއްޔާގެ އިތުރުން މިޞްރު، މެލޭޝިޔާ، ބުރޫނާއި އަދި އިންޑޮނޭޝިޔާއަށް ވެސް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުތައް ކުރިކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
މި ދަތުރުތަކަކީ ދިވެހިރާއްޖޭގެ ޒުވާނުންނަށް އިސްލާމީ ތަޢުލީމާއި ޘަޤާފަތުގެ ދާއިރާއެ ދާއިރާއިން އިތުރު ތަޖުރިބާ ހޯދައި، ބައިނަލްއަޤްވާމީ ފެންވަރުގައި އިސްލާމީ ޢިލްމުވެރިންނާ ބައްދަލުކޮށް، މުހިންމު ގުޅުންތައް ޤާއިމުކުރުމުގެ ފުރުޞަތު ލިބިދޭ ދަތުރުތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!