މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށުމަށް ހަމަޖެހިފައިވާ "ރަށު އެކްސްޕޯ 2025" ގައި އީޓުކުރީގެ ސްޓޯލެއް ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޕޯސްޓުން ހާމަކޮށްފި އެވެ.
މޯލްޑިވްސް ޕޯސްޓުން މަޢުލޫމާތު ދެއްވި ގޮތުގައި، ރަށު އެކްސްޕޯ 2025 ގައި ބެހެއްޓޭ އީޓުކުރި ސްޓޯލުން އޮންލައިން ވިޔަފާރިއެއް ފައްޓަވަން ބޭނުންވާ ފަރާތްތަކަށް ވަރަށް މުހިއްމު މަޢުލޫމާތުތަކެއް ލިބިގެންދާނެއެވެ. މިގޮތުން، މި ޕްލެޓްފޯމްގައި ވިޔަފާރި ރަޖިސްޓްރީކޮށް އޮންލައިން ވިޔަފާރިއެއް ކުރިއަށް ގެންދާނެގޮތާއި، ވިޔަފާރި އިތުރަށް ފުޅާކޮށް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ހުރި ފުރުސަތުތަކުގެ މަޢުލޫމާތު ލިބިގެންދާނެއެވެ.
މީގެއިތުރުން، އީޓުކުރި ސްޓޯލުގައި ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތަކާއި، "ފިލެޓެލިކް ޕްރޮޑަކްޓްސް" ގަތުމުގެ ފުރުސަތާއި، ދުނިޔޭގެ ކޮންމެ ޤައުމަކަށްވެސް ޕޯސްޓް ކާޑު ފޮނުވުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ. އަދި މޯލްޑިވްސް ޕޯސްޓުގެ ފަރާތުން ދެމުންގެންދާ ޚިދުމަތްތަކުގެ މައުލޫމާތު އީޓުކުރި ސްޓޯލަށް ޒިޔާރަތްކުރައްވައިގެން ސާފުކުރެވޭނެއެވެ.
ރަށު އެކްސްޕޯ 2025 ކުރިއަށް ދާ މުއްދަތުގައި އީޓުކުރިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް "ލަކީ ޑްރޯ ޕްރޮމޯޝަން" އެއްގައި ބައިވެރިވެ، އީޓުކުރި ގިފްޓް ވައުޗަރެއް ކާމިޔާބުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އީޓުކުރި އަކީ މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ދިވެހިރާއްޖޭގައި އީކޮމާސް ވިޔަފާރިކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށްޓަކައި، އޮންލައިން ވިޔަފާރިއަކަށް ބޭނުންވާ ހުރިހާ އަސާސެއް ހިމަނައިގެން (އުފެއްދުންތައް / މުދާ ލިސްޓްކުރުމާއި މާކެޓްކުރުމާއި ވިއްކުމާއި ފައިސާ ބަލާގަތުމާއި ޑެލިވެރީކުރުމުގެ) ތައްޔާރު ކުރެވިފައިވާ ޕްލެޓްފޯމެކެވެ. އަދި ރާއްޖޭގައި އުފައްދާތަކެތި މި ޕްލެޓްފޯރމް މެދުވެރިކޮށް އެތަކެތި ގަންނަ ބޭރުގެ ފަރާތްތަކާއި ހަމައަށް ބައިނަލް އަގްވާމީ ޕޯސްޓުގެ ވިއުގައިގެ ތެރެއިން ވާސިލްކޮށްދިނުމާއެކު ކޯޕަރޭޓިވްސް ތަކާއި މައިކްރޯ އަދި ސްމޯލް މީޑިއަމް އެންޓަރޕްރައިސަސްތަކަށް އިންޓަރނޭޝަނަލް މާކެޓްގައި ހުރި މިފަދަ ފުރުސަތުތަކަށް ވާސިލްވުމަށް މަގުފަހިކޮށްދެއެވެ.
މީގެ އިތުރުން މި ޕްލެޓްފޯމް އަކީ މާލެއާއި އަތޮޅުތަކުގެ މެދުގައި ކުރާ ވިޔަފާރި މުއާމަލާތްތަކަށް އަމާޒުކޮށް ފަރުމާ ކުރެވިފައިވާ ޕްލެޓްފޯމެކެވެ. އަދި މި ފްލެޓްފޯމުން ގަންނަތަކެތި އަތޮޅުތެރޭގައި ގާއިމްކުރެވިފައިވާ ޕޯސްޓުގެ ޑެލިވަރީ ވިއުގަ މެދުވެރިކޮށް ގޭގޭ ސިޓންގރޫމާހަމައަށް ވާސިލްކޮށްދިނުމަކީ މި ފްލެޓްފޯރމްގެ މައިގަޑު އަމާޒެވެ.
ކޮމިއުނިޓީ އޮންލައިން ޝޮޕް ނުވަތަ "ރަށު އޮންލައިން ފިހާރަ"
ރަށު އޮންލައިން ފިހާރައަކީ، ރަށްރަށުގެ އުފެއްދުންތެރިންނަށް އަމާޒުކޮށް، އެ އުފެއްދުންތެރިންގެ އުފެއްދުންތައް، ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްކުމުގެ ފުރްސަތު ހޯދައިދިނުމުގެ ގޮތުން، މޯލްޑިވްސް ޕޯސްޓުގެ އީޓުކުރި ޕްލެޓްފޯރމްގައި ގާއިމް ކުރެވިފައިވާ ވާރޗުއަލް ފިހާރަތަކެކެވެ. އީޓުކުރި ޕްލެޓްފޯރމްގައި މިފަދަ އޮންލައިން ފިހާރަތަކެއް ގާއިމްކުރުމުގެ މަގްސަދަކީ، ރަށްރަށުގެ ތިބި ތަފާތު އުފެއްދުންތެރިންނަށް އިޓުކުރި ޕްލެޓްފޯރމްގެ ތެރެއިން އޮންލައިން ބާޒާރެއްގައި އެފަދަ ފަރާތްތަކުގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ހުޅުވައިދިނުމާއި އެފަދަ އުފެއްދުންތެރިންގެ އުފެއްދުންތައް، މާކެޓްކޮށް އިޝްތިހާރުކޮށްދިނުމާއި، ޕޯސްޓުގެ ވޯލްޑްވައިޑް ޑެލިވަރީ ނިޒާމުގެ ތެރެއިން އެފަދަ އުފެއްދުންތައް ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޓްރާންސްޕޯރޓްކޮށް ޑެލިވަރކޮށްދިނުމެވެ.
ކޮމިއުނިޓީއޮންލައިން ޝޮޕްތަކަށް ހާއްސަކޮށްގެން މި ޕްލެޓްފޯމްގައި ޤާއިމް ކުރެވިފައިވާ "ޕްރީ އޯޑަރ" ފީޗަރއަކީ ރަށުފެންވަރުގައި އުފައްދާތަކެތި އުފައްދާ ފަރާތަކަށް އެފަރާތްތަކު ވިޔަފާރި އިތުރަށް ފުޅާކޮށް އާމްދަނީ އިތުރުކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.
މޯލްޑިވްސް ޕޯސްޓުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި މިފަދަ އުފެއްދުންތެރިން، މި އޮންލައިން ބާޒާރުގެ ތެރެއަށް ވަނުމަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދީ ލީޑިންގ ޓްރޭޑް ފެސިލިޓޭޓަރަކަށްވުންކަމުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!