ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުވެއިތު، ބޫޓާނު އަދި ސްވިޓްޒަލަންޑަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވައިފިއެވެ.

ކުވެއިތުގައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރަކަށް ރައީސް ހުށަހަޅުއްވާފައިވަނީ، މިހާރު ސައުދީ އަރަބިއްޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު، އަޙްމަދު ސަރީރެވެ. ބޫޓާނަށް ހުށަހަޅުއްވާފައިވަނީ ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދެވެ. އަދި ސްވިޓްޒަލަންޑަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރަކަށް ހުށަހަޅުއްވާފައިވަނީ، ޖެނީވާގައި ހުންނަވާ ދިވެހި ސަފީރު ޑރ. ސަލްމާ ރަޝީދެވެ.

Ad
rt

މި ތިން ޤައުމަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށް ރައީސް ހުށަހެޅުއްވި މައްސަލަ ދިރާސާކުރުމަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

މީގެ އިތުރުން، ޑރ. ސަލްމާ ރަޝީދު ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔުޓީއޯ) އަށް ރާއްޖޭގެ ދާއިމީ މަންދޫބެއްގެ ގޮތުގައި އައްޔަނުކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް އިއްޔެ ވަނީ ހުށަހަޅުއްވާފައެވެ. މި މައްސަލަވެސް ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

އަދި މިއަދުގެ ޖަލްސާގައި ވަނީ އިތުރު ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކަށް ރާއްޖެއިން ދާއިމީ މަންދޫބެއް ކަނޑައެޅުއްވުމަށް ރައީސް މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީއެއްވެސް އިއްވާފައެވެ. މިގޮތުން، އަޙްމަދު ސަރީރު އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް އައްޔަނުކުރުމަށް ރުހުން ހޯދުމަށް ވަނީ ހުށަހަޅުއްވާފައެވެ.