ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ރޭ ރަށުން ބޭރުގައި ސްޕޯޓިންގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ބްރޫޝިއާ ޑޯޓްމަންޑުން ގަދަ 16 ބުރުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ރޭ ސްޕޯޓިންގެ ދަނޑުގައި ކުޅުނު މެޗު ޑޯޓްމަންޑުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ޑޯޓްމަންޑުން ތިން ލަނޑު ވެސް ޖަހާފައި ވަނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު 68 ވަނަ މިނެޓުގައި ހޫލިއަން ބްރަންޓް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ގުއިރަސީއެވެ. މިއީ އޭނާ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ޖެހި 10 ވަނަ ލަނޑެވެ. މީގެކުރިން ޑޯޓްމަންޑަށް ޗެމްޕިއަންސް ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ ލެވަންޑޯސްކީއާއި ހާލަންޑް އަތުގައެވެ. ލެވަންޑޯސްކީ ވަނީ 2012-13، ސީޒަންގައި 10 ލަނޑު ޖަހާފައެވެ. ހާލަނޑް 2020-21 ވަނަ ސީޒަންގައި ވަނީ 10 ލަނޑު ޖަހާފައެވެ.
ރޭ ޑޯޓްމަންޑަށް ދެވަނަ ލަނޑު 68 ވަނަ މިނެޓުގައި ގުއިރަސީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޕަސްކަލް ގްރޮސްއެވެ. އެ ޓީމްގެ ތިންވަނަ ލަނޑު ކަރިމް އަޑޭމީ ޖަހައިދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައިވަނިކޮށެވެ.
މި ދެ ޓީމް ވާދަކުރާ ދެވަނަ ލެގުގެ މެޗު އަންނަ ހަފްތާގައި ކުޅޭނީ ޑޯޓްމަންޑްގެ ދަނޑުގައެވެ. ތިން ލަނޑުގެ ތަފާތަކަށްވުރެ ކުޑަކޮށް ބަލިވި ނަމަވެސް ގަދަ 16 ބުރުން ޖާގަ ލިބޭނީ ޑޯޓްމަންޑަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!