ރާއްޖެއިން ފުރައިގެން ދަތުރުކުރި ތިން ބިލިއަން ޑޮލަރުގެ މަނީ ލޯންޑްރިންގެ ކުށްކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ސިންގަޕޫރުގެ އެންމެ ބޮޑު މަނީ ލޯންޑްރިންގް މައްސަލައިގައި ޖަލަށްލެވުނު 10 މީހުންގެ ތެރެއިން އެކަކު ކަމަށްވާ ވޭންގް ޝުއިމިންގް ދިވެހިރާއްޖެއިން ޕްރައިވެޓް ޖެޓެއްގައި މޮންޓެނީގްރޯއަށް ދަތުރުކުރަން އުޅެނިކޮށް ހައްޔަރުކޮށްފައިވާކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ވޭންގް ހައްޔަރުކުރީ މޮންޓެނީގްރޯގެ ޓިވަޓް އެއަރޕޯޓުގައި ތިބި ބޯޑަރ ޕޮލިހުންނެވެ. ޖަނަވަރީ 28 ވަނަ ދުވަހު މޮންޓެނީގްރޯގެ ނޫހެއް ކަމަށްވާ ވިޖެސްޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ރާއްޖެއިން އެ ގައުމަށް ގޮސްފައިވަނީ ޕްރައިވެޓް ޖެޓެއްގައެވެ.
އަސްލު ޗައިނާގެ ރައްޔިތެއް ކަމަށްވާ ވޭންގްއަކީ ސިންގަޕޫރުގައި 13 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒުކުރުމަށްފަހު ޖޫން 1، 2024 ގައި ޖަޕާނަށް ޑިޕޯޓްކުރެވުނު މީހެކެވެ. އޭނާ ކުށްވެރިވީ މަނީ ލޯންޑްރިންގް ދެ ދަޢުވާއަކަށާއި ބޭންކަކަށް ދޮގު ލިޔުމެއް ހުށަހެޅުމުގެ މައްސަލައެއްގައެވެ.
މޮންޓެނީގްރޯގެ ފުލުހުން ބުނާ ގޮތުގައި ވޭންގްގެ މައްޗަށް ކުރެވޭނެ ޖިނާއީ ދަޢުވާތަކެއް އެބަހުއްޓެވެ.
ސިންގަޕޫރުގައި އޭނާގެ މައްޗަށް ސާބިތުވި މައްސަލައިގައި އޭނާއާއި އޭނާގެ އަނބިމީހާގެ 199 މިލިއަން ޑޮލަރަށްވުރެ ގިނަ އަގުހުރި މުދަލާއި ފައިސާގެ ތެރެއިން 180 މިލިއަން ޑޮލަރު ދައުލަތަށް ނެގުމަށް އެއްބަސްވެފައިވެއެވެ. މީގެ ތެރޭގައި 122 މިލިއަން ޑޮލަރުގެ ބޭންކް އެކައުންޓްތަކާއި، 29.6 މިލިއަން ޑޮލަރުގެ 15 ގެއާއި، 3.38 މިލިއަން ޑޮލަރުގެ ތިން ލަގްޒަރީ ކާރު ހިމެނެއެވެ.
މި މައްސަލައިގައި ސިންގަޕޫރުގެ ޖުމްލަ 10 މީހުން ވަނީ 13 އާއި 17 މަހާ ދެމެދުގެ މުއްދަތަށް ޖަލަށްލެވި، އެ ގައުމުން ޑިޕޯޓްކުރެވިފައެވެ. އަދި އިތުރު 17 މީހަކު ތަޙްޤީޤުގެ މަރުޙަލާގައި ފިލާފައިވާއިރު، އޭގެ ތެރެއިން 15 މީހަކު 1.85 ބިލިއަން ޑޮލަރުގެ މުދާ ދައުލަތަށް ދިނުމަށް އެއްބަސްވެފައިވެއެވެ. އަދިވެސް އިތުރު ދެ މީހަކު ފިލާފައިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ އެނޫހުން ރިޕޯޓްކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!