ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވުޒާރާއާއި ގުޅިގެން އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރީ ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުން 6 ވަނަ ދުވަހަށް، ޖުމްލަ ފަސް ދުވަހަށެވެ. ކުޅުދުއްފުށީ އެންއޯސީ އިމާރާތުގައި ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ކިޔަވައިދެއްވާފައިވަނީ މަސްވެރިކަމާއި ބެހޭ ވުޒާރާގެ ފަންނީ ތަޖުރިބާކާރު ބޭފުޅުންނެވެ.

Ad
rt

ވެލިއު އެޑް ކުރި މަހާއި މަހުގެ އުފެއްދުން ތައްޔާރުކޮށް ވިޔަފާރި އުސޫލުން މިކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް މިމަސައްކަތް ފެށުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ޖުމްލަ 14 ބައިވެރިން، ބައިވެރިވެ ފުރިހަމަ ކޮށްފައިވެއެވެ.

މި ކޯހުގައި މަހުގެ ބާވަތްތައް ފެންވަރު ރަނގަޅުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމުގައި ގެންގުޅެންޖެހޭ ރައްކާތެރި މިންގަނޑުތަކާއި، ލޭބަލްކުރުމާއި ބަންދުކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި، މަސްވެރިކަމުގެ ވިޔަފާރި ހިންގާ ބަލަހައްޓާނެ ގޮތް ބައިވެރިންނަށް ދަސްކޮށްދީފައިވެއެވެ. ތިއަރީ އަދި ޕްރެކްޓިކަލް ސެޝަންތަކެއް ހިމަނައިގެން ކުރިއަށް ގެންދިޔަ މި ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ، ކުޅުދުއްފުށީ ސިޓީގެ ކައުންސިލް މެމްބަރު ރިޟްވާން މުހައްމަދެވެ.

މި ކޯހުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރު ރިޟްވާން މުހައްމަދު ވިދާޅުވީ، މިފަދަ ތަމްރީނު ޕްރޮގްރާމްތަކަށް، ދެ ޖިންސުގެ ބޭފުޅުންގެވެސް ޝައުގުހުރިކަން މި ތަމްރީނުން ސާބިތުކޮށްދީފައިވާ ކަމުގައެވެ. އަދި ރަށުގެ ރައްޔިތުންނަށް މަންފާކުރަނިވި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދޭންޖެހޭ އެންމެހައި އެހީތެރިކަމެއް ކުރިމަގުގައިވެސް ފޯރުކޮށްދެމުން ގެންދާނެ ކަމުގެ ޔަގީންކަން މެމްބަރު އަރުވާފައިވެއެވެ.

ކޯހުގެ ބައިވެރިންގެ ފަރާތުން ވާހަކަފުޅު ދެއްކެވި ނާޒިލާ އަލީ ފާހަގަކުރެއްވި ގޮތުގައި މި ތަމްރީނު ޕްރޮގްރާމުގެ ސަބަބުން، މަހުގެ އުފެއްދުންތައް ތައްޔާރުކުރުމުގައި ނޭނގި ނަމަވެސް އަޅުގަނޑުމެންނަށް ކުރެވެމުންދިޔަ ނުރައްކާތެރި ކަންތައްތައް ދެނެގަތުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި މަސް ރައްކާކޮށް ބަންދުކުރުމުގެ އެންމެ އެކަށީގެންވާ ގޮތްތަކާއި، ޕްރެކްޓިކަލް ސެޝަންގެ ތެރެއިން އައު އުފެއްދުންތައް ތައްޔާރުކުރާނެ ގޮތްތައްވެސް ފައިދާހުރި އަދި އުފާވެރި، މަޖާ މާހައުލެއްގެ ތެރެއިން ދަސްވެގެންދިޔަކަން ފާހަގަ ކުރެއްވިއެވެ.