މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީން މިއަދު ބުނީ، ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 (ތިންހާސް) މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 (ތިންހާސް) މެންބަރުން ހަމަވެފައިނުވާތީ، މިއަދުން ފެށިގެން އެމްއާރުއެމް އުވާލަން ނިންމާފައިވާ ކަމަށެވެ.
އެހެންވެ، މިއަދުން ފެށިގެން އެ ޕާޓީ އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ނިންމަފައިވާކަމަށް އީސީން ބުންޏެވެ.
އެމްއާރުއެމް އަކީ ކުރީގެ ރައީސް އަލް އުސްތާޒު މައުމޫނު އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދަވާފައިވާ ސިޔާސީ ޕާޓީއެކެވެ.
ޤާނޫނުގައި ބުނާ މެމްބަރުން ހަމަނުވުމުން މީގެ ކުރީން އީސީން ވަނީ އެ ޕާޓީ އުވާލަން މަސައްކަތް ކޮށްފައެވެ. އެމްއާރުއެމް އުވާލަން ނިންމުމުން އެ ޕާޓީން ވަނީ އެކަމާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށް އެ ދައުވާ ކާމިޔާބު ކޮށްފައެވެ. އީސީގެ ނިންމުން ގޯސްކަމަށް ކަނޑައަޅައި ކޯޓުން ވަނީ ޝަރީއަތުގެ ފީގެ ގޮތުގައި ހަރަދުވި 50،000 (ފަންސާސް ހާސް) ރުފިޔާ އެމްއާރުއެމްއަށް ދެއްކުމަށް އީސީގެ މައްޗަށް ހުކުމް ކޮށްފައެވެ.
އެމްއާރުއެމް އުވާލާއި އީސީގެ ދަފުތަރުން ވަކިކުރުމުން މިވަގުތު އީސީގެ ދަފުތަރުގައި އޮތީ 10 ސިޔާސީ ޕާޓީއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!