ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ރާއްޖޭން ބޭރަށް ދިޔަ ހަ ކުއްޖަކު ފަރުވާއަށް ފަހު އެނބުރި ގައުމަށް އަތުވެއްޖެއެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވި ހަ ކުއްޖަކު ފަރުވާއަށް ފަހު އެނބުރި ރާއްޖެއަށް އައިސްފައިވާ ކަމަށެވެ. އަދި ބޭރުގައި ތިބި ކުދިންގެ ތެރެއިން ތިން ކުއްޖަކު އަންނަ މަހު ރާއްޖެ އަންނާނެ ކަމަށާއި، ބާކީތިބި ތިން ކުދިންގެ ފަރުވާ މި ވަގުތު ދަނީ ކުރިއަށް ކަމަށެވެ. އަދި އެއް ކުއްޖަކު ނިޔާވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

Ad
rt

މި އަހަރު އިތުރު 10 ކުދިން ބޯންމެރޯ ހެދުމަށް ބޭރަށް ދާނެ ކަމަށާއި، އޭގެ ތެރެއިން ފަސް ކުދިންގެ ބޯންމެރޯ ސްޕެޝަލިސްޓް ރިވިއު ހެދުމަށް ފަހު އެކަމާ ގުޅިގެން ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތީން، މިހާރު ރާއްޖޭގައި ތިބެގެން ބޯންމެރޯ މެޗްކުރުމަށް ހަދާ ޓެސްޓް ހެދޭނެ އިންތިޒާމް ވަނީ ސަރުކާރުން ހަމަޖައްސާފައެވެ. މީގެ އިތުރުން، ތެލެސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމް ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

ހެލްތު މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން މި ވަގުތު 22 ކުއްޖަކު ވެއިޓްލިސްޓްގައި އެބަތިބިއެވެ. މި މަސައްކަތްތަކަކީ ތެލެސީމިއާ ކުދިންނަށް އިތުރު ފަރުވާ ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކެކެވެ.