ކްލަބް ސެނޯން އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ހދ. ނޭކުރެންދޫގައި ފުޓްސަލް އަދި ފުޓްބޯޅަ ރެފްރީ ކޯހެއް މިއަދު ފަށައިފިއެވެ.
މި ކޯހުގައި އުތުރުގެ 4 އަތޮޅުން ޖުމްލަ 30 ބައިވެރިން ބައިވެރިވެފައިވާ ކަމަށް މިކޯސް އިންތިޒާމުކޮށްފައިވާ ކްލަބް ސެނޯންގެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.
ކޯހުގައި ކިޔަވައިދެއްވަނީ އެފްއޭއެމްގެ ތަޖުރިބާކާރު ރެފްރީން ކަމަށްވާ މުޙައްމަދު އަނީލް ޢަބްދުއްލަޠީފް އަދި އަޙްމަދު ޢަމީޒެވެ. ކޯސް ކުރިއަށްދާނީ މިމަހުގެ 24 އާ ހަމައަށެވެ.
ކްލަބް ސެނޯންއަކީ ނޭކުރެންދޫގައި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ކްލަބެކެވެ. މިގޮތުން މިދާދިފަހުން ކުޅުދުއްފުށި ސިޓީ ކައުންސިލުން ބޭއްވި ފުޓްބޯޅަ މުބާރާތުގައާއި އަތޮޅު ކައުންސިލުން ބޭއްވި އަންހެން ފުޓްސަލް މުބާރާތުގައި ނޭކުރެންދޫ ތަމްސީލުކުރި ކްލަބަކީ ސެނޯންކަން ފާހަގަކުރެވެއެވެ. މީގެ އިތުރުންވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭއްވޭ އެކި މުބާރާތްތަކުގައި ކްލަބް ސެނޯންއިން ބައިވެރިވަމުން ގެންދެއެވެ.
މި ކޯހުގެ ސަބަބުން ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި ފުޓްބޯޅަ އަދި ފުޓްސަލްގެ ރެފްރީންގެ ޢަދަދު އިތުރުވެ، ކުޅިވަރުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!