ހުޅުމާލޭގައި ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ކާރު ދުވި މީހާގެ މައްޗަށް ތިން މަހުގެ ޖަލު ހުކުމެއް އިއްވައި، 70،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ދައުލަތުން ދައުވާކުރީ ކާރު ދުއްވަން އިން މ. ލޭންޑް އޮފް ގާޑެން އިބްރާހިމް އިކްރާމާއި ކާރުގައި ތިބި ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހްމާނާއި ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހު އިސްމާއިލްގެ މައްޗަށެވެ.

Ad
rt

އޭގެ ތެރެއިން އިކްރާމް ވަނީ އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން ކްރިމިނަލް ކޯޓުން މިއަދު ވަނީ އިކްރާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އަދަބެއްގެ ގޮތުން ތިން މަހުގެ ޖަލު ހުކުމަކާއެކު, ޖޫރިމަނާގެ ގޮތުގައި 70،000ރ. ދައްކަން ހުކުމްކޮށްފަ އެވެ.

ނަމަވެސް އޭނާ ބަންދުގައި އިކްރާމް މަހަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާތީ، ހުކުމްގެ ދަށުން އިކްރާމް ބަންދުގައި ހުންނާކަށް ނުޖެހޭނެ އެވެ.

މިއަދުގެ އަޑުއެހުމުގައި އިކްރާމް އަދި ދައުލަތުން ވެސް ބުނެފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް 118،000ރ. މިހާތަނަށް އިކްރާމް ވަނީ ދައްކައިފަ އެވެ. އެހެންވެ, މުދަލަށް ގެއްލުން ދިނުމުގެ ދެ ދައުވާއެއް ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

އެކްސިޑެންޓާ ގުޅިގެން އިކްރާމް ދައުވާއަށް އިއުތިރާފްވީ ނަމަވެސް، ދެން ތިބި ދެ މީހުން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

އެ މައްސަލާގައި ތިން މީހުން ވެސް ހައްޔަރުކުރީ އެކްސިޑެންޓް ހިނގުމުން އެ ސަރަހައްދު ދޫކޮށް ފިލައިގެން ދިޔަ ފަހުންނެވެ.