ކ. ގުޅިފަޅުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، މުނިސިޕަލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ސަރުކާރުން މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން އާއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި މި މަޝްރޫޢުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން އިން ރީޖަނަލް ޖެނެރަލް މެނޭޖަރ ކިއާން ހައޯޖޫން އެވެ.
މިއަދު ސޮއިކުރެއްވި މަޝްރޫޢުގެ ތެރެއިން، ކަރަންޓުގެ ޚިދުމަތްދިނުމުގެ ނެޓްވޯކް ޤާއިމުކުރުމާއި، ފެނާއި ނަރުދަމާގެ ނިޒާމު މުޅި ގުޅިފަޅުގައި ޤާއިމުކުރުމާއި، ޑީވޯޓަރިންގ ސިސްޓަމް ޤާއިމުކުރުމާއި، މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، ގިގަބިޓް އީތަރނެޓް ޕެސިވް އޮޕްޓިކަލް ނެޓްވޯކް (ޖީޕީއޯއެން) ޑަކްޓް ސިސްޓަމް ޤާއިމުކުރުމާއި، އަދި ގޭސް ސްޓޯރޭޖާ ޑިސްޓްރިބިއުޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް ފުރިހަމަވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.
ސަރުކާރުން މިއަދު ބުނީ މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދިވެހި ރާއްޖެއާ ޗައިނާއާދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރެއްވި ގިނަ މަސައްކަތްތަކެއްގެ ނަތީޖާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!