މާލޭގެ އަމީރުއަހުމަދު މަގުގަައި އިންޑިއާގެ ޓާޓާ ކުންފުނިން އަޅަމުން އަންނަ ފްލެޓުތައް ހުންނަ އިމާރާތުން މަގުމައްޗަށް ފެން ދޫކޮށްފައިވާތީ މާލެ ސިޓީ ކައުންސިލުން ފިޔަވަޅުއަޅައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގެ އަމީރުއަހުމަދު މަގުގަައި ހަދަމުންދާ ޓާޓާ އިމާރާތުން ''ވޭސްޓް ފެން'' މަގުމައްޗަށް ދޫކޮށްފައިވުމުން ފިޔަވަޅުއަޅާފައިވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން މާލޭގެ އަބަދަށްފެހިމަގުގައި ހަދަމުންދާ އިމާރާތެއްގައި ސޭފްޓީ ނެތި ވެލްޑިންގ ކުރަމުންދާތީ މަސައްކަތް ހުއްޓުވުމަށްފަހު ފިޔަވަޅުއަޅާފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލޭގައި އަޅަމުން އަންނަ އިމާރާތްތަކުން މިގޮތައް އާންމު އުނދަގުލަކަށްވާގޮތަށް، ގަވާއިދުން ބޭރުން ކުރަމުން އަންނަ ކަންކަމަށް ސިޓީ ކައުންސިލުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

މާލޭގެ މަގުތަކުގައާއި ސިޓީ ކައުންސިލްގެ އިހްތިސާސް ހިނގާތަންތަން ބަލަހައްޓައި، ގަވާއިދުން ބޭރުން ހިނގާ ކަންކަން އިސްލާހްކޮށް، ފިޔަވަޅު އެޅުމަށް ސިޓީ ކައުންސިލުން ވަނީ ހާއްސަ ޔުނިޓެއް އުފައްދައި، އެކަމަށް ޚާއްޞަ މުވައްޒަފުން ވެސް ނަގާފައެވެ.