ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން ހިންގަމުންދާ ތަޙްޤީޤުގެ ތެރެއިން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ދިރިއުޅޭ ގެ ބަލައި ފާސްކޮށް، ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ، މި ތަޙްޤީޤާ ގުޅިގެން ފަޒުލް ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި މި ތަޙްޤީޤަށް ބޭނުންވާ ބައެއް ތަކެތި، އޭގެ ތެރޭގައި އިލެކްޓްރޯނިކް ސާމާނު ހިމެނޭ ގޮތަށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

Ad
rt

ފަޒުލް އޭނާގެ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ، ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ ސްކީމް" ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤު ކުރަމުންދަނިކޮށެވެ. މި މައްސަލައިގައި ފަޒުލްގެ ބޭބެއަށް ބިންވެރިޔާ ސްކީމުން ގޯއްޗެއްގެ ރަޖިސްޓަރީއެއް ހަދާފައިވާ މައްސަލައެއްވެސް ފާހަގަކުރެވިފައިވެއެވެ.

މި މައްސަލައިގެ ތަޙްޤީޤާ ގުޅިގެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި، ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ ތެރޭގައި ފަޒުލް އަދި އޭނާގެ ބޭބެވެސް ހިމެނޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ފަޒުލް މަޤާމުން އިސްތިއުފާ ދެއްވިއިރު، އޭނާ ހުރީ ސަސްޕެންޑް ކުރެވިފައެވެ.

އިސްތިއުފާގެ ސިޓީގައި ފަޒުލް ވަނީ އޭނާއަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި މަޤާމުން އިސްތިއުފާ ދެނީ ތަޙްޤީޤަށް ފުރުޞަތު ދިނުމަށާއި، ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިޔުމަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށް ބަޔާންކޮށްފައިވެއެވެ.