ހއ. ހޯރަފުށީގައި ވެލާބިސް ވަޅެއް ހިމާޔަތްކޮށްފިއެވެ.

ހޯރަފުށީ ކައުންސިލުން ބުނީ، މި ވެލާބިސް ވަޅު ހިމާޔަތްކޮށްފައި ވަނީ އެ ކައުންސިލާއި، ހޯރަފުށީ ފުލުހުން ގުޅިގެން ކަމަށެވެ.

Ad
rt

ހިމާޔަތްކޮށްފައި ވަނީ ހޯރަފުށީ ރަށްވެހި ފަންނު ބީޗުން ފެނިފައިވާ ވެލާބިސްވަޅެކެވެ.

ހޯރަފުށީ ކައުންސިލުން ބުނީ އެ ވެލާބިސްވަޅު ހިމާޔަތްކުރުމުގެ މަޤްޞަދަކީ ވެލާ އާލާ ކުރުމާއި، އަދި ވެލާ ހިމާޔަތް ކުރުން ކަމަށެވެ.

ހޯރަފުށީ ކައުންސިލުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ވެލާބިސް ވަޅު ވަށައިގެން ޓޭޕް ދަމައި، އެ ވަޅަކީ ހިމާޔަތްކޮށްފައިވާ ވަޅެއްކަން އިނގޭނެހެން ހަދާފައެވެ.

ހޯރަފުށީގައި ވެލާބިސްވަޅު ހިމާޔަތްކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ، ފޮޓޯ: ކައުންސިލް

ވެލަަޔާއި މަޑި ހިމެނޭ ގޮތަށް ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވަނީ 2023 ވަނަ އަހަރު ހަދާފައެވެ. އޭގެ ކުރީން ވެސް އެފަދަ އުސޫލުތައް ހަދައި އަމަލުކޮށްފައި ވެއެވެ.

2023 ވަނަ އަހަރު އަލަށް އެކުލަވާލި އުސޫލުގައި ވަނީ ހިމާޔަތް ކޮށްފައިވާ، ތަފާތު ހަތަރު ބާވަތެއްގެ ދިރޭ ތަކެތީގެ މާހައުލު ރައްކާތެރިކުރުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފަ އެވެ. އޭގެ ތެރޭގައި ވެލާ ކަހަނބުގެ އިތުރުން ކަންޒުކަހަނބާއި، މަޑީގެ އާއިލާގެ ހުރިހާ ދިރުންތައް އަދި ހިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތްތައް ހިމެނެއެވެ.

ވެލަޔާއި ކަހަނބާއި ކަންޒުކަހަނބާ އަދި މަޑީގެ އާއިލާގެ ދިރުންތަކާ އެކު ފީނާއިރު ނުވަތަ ފަތާއިރު އަމަލުކުރަން ޖެހޭ ގޮތް ވެސް މި އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ. މި އުސޫލުގައި ބުނާ ގޮތުގައި، ވެލަޔާއި ކަހަނބާ އެންމެ ކައިރީގައި އުޅެވޭނީ ހަ ފޫޓު ދުރުންނެވެ. ކަންޒުކަހަނބެއް ނަމަ އެއް މީޓަރުގެ ދުރުންމިން ބަހައްޓަން ވާނެ އެވެ. މަޑީގެ އާއިލާގެ ދިރުމެއް ކަމަށްވާ ނަމަ، ތިން މީޓަރުގެ ދުރުމިނެއް ބަހައްޓަން ވާނެ އެވެ.

ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން 4 އޭޕްރީލް 2016 އިން ފެށިގެން ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފަ އެވެ. ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި އެއަށް ގޯނާކުރުމަކީ މަނާކަމެކެވެ.