ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ ޕާޓީއަކުން ވަކިކޮށްފި ނަމަ މަޖިލިހުގެ މެންބަރުކަމުން ވަކިވާ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން ދެންމެ ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދެވެ. ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ފެނޭތޯ އެހި ވޯޓުގައި 78 މެމްބަރުން ވޯޓު ދެއްވީ އިސްލާހު ފާސް ކުރުމަށެވެ. އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ 13 މެމްބަރުންނެވެ.
އެ ވޯޓުގައި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވަޑައިގެން ވޯޓު ދެއްވީ އިސްލާހު ފާސް ކުރެއްވުމަށެވެ.
ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ސްޕޮންސާ ކުރަށްވާފައި ވަނީ، ޕީއެންސީގެ ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރ، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑް) އެވެ. ޝާޑްގެ މި ބިލަށް ތާއީދުކުރެއްވީ ޕީއެންސީ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙީމް ފަލާޙް އެވެ.
މި ބިލު މުޅި މަޖިލީހުގެ ކޮމެޓީއަކަށް ގެންގޮސް މަސައްކަތް ކުރުމަށް ހުށަހަޅާފައި ވަނީ ދިއްގަރު ދާއިރާގެ މެންބަރު، މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެވެ. ނާޒިމްގެ ހުށަހެޅުން ފާސްވީ 71 މެންބަރު ތާއީދުކުރަށްވައި ފެންނަކަމަށް ވޯޓު ދެއްވިއެވެ.
މަޖިލީހުގެ ތަޅުމުގެ ވޯޓިން ސިސްޓަމްގައި މައްސަލަ ޖެހުމާ ގުޅިގެން އެ ބިލަށް ވޯޓަށް އެހީ ރޯލް ކޯލް ވޯޓަކުން، ވަކިވަކިން މެމްބަރުންނާ ސުވާލުކޮށްގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!