ޔުއެފާ ނޭޝަންސް ލީގުގައި ރޭ ބެލްޖިއަމް ބަލިކޮށް އިޓަލީން ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު ފްރާންސާއި އިޒްރޭލު ބައްދަލުކުރި މެޗު އެއްވަރުވުމުން ފްރާންސަށް ވެސް ކުއާޓާއިން ޖާގައެއް ކަށަވަރު ވެއްޖެއެވެ.
ލީގު އޭގެ ގްރޫޕް ދޭއްގެ މި މެޗު ރޭ ކުޅެފައިވަނީ ބްލެޖިއަމްގައެވެ. މި މެޗު އިޓަލީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 11 ވަނަ މިނެޓުގައި ޖަހައިދިނީ ޓޮނާލީއެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ބެލްޖިއަމް އަށް ވެސް ފުރުސަތުތަކެއް ލިބުނު ނަމަވެސް އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުކުރެވުނެވެ.
ހަތަރު ޓީމް ހިމެނޭ މި ގްރޫޕްގެ ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި އިޓަލީ އޮތީ 5 މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ފްރާންސަށް ވަނީ 5 މެޗުން 10 ޕޮއިންޓް ލިބިފައެވެ. ތިންވަނާގައި 5 މެޗުން ލިބުނު 4 ޕޮއިންޓާއިއެކު ބެލްޖިއަމް އޮތްއިރު ފުލުގައި އޮތީ އިޒްރޭލެވެ. އެ ޓީމަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
މި ގްރޫޕްގައި ރޭ ފްރާންސާއި އިޒްރޭލް ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ
އިޒްރޭލާއި ފްރާންސް ބައްދަލުކުރި މި މެޗު ފްރާންސްގައި ކުޅެފައިވަނީ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަ ކޮށްގެންނެވެ. އިޒްރޭލުން ފަލަސްތީނުގައި ހިންގާ ލާއިންސާނީ އަމަލުތަކާއި ގުޅިގެން އިޒްރޭލާއި ދެކޮޅަށް ފްރާންސުގައި ގިނަބަޔަލު ވަނީ އަޑު އުފުލާފައެވެ. މިގޮތުން މެޗު ބޮއިކޮޓް ކުރުމުގެ ހަރަކާތެއް ވެސް އެ ގައުމުގައި ކުރިއަށް ދިޔައިރު، އޭގެ އަސަރު މެޗަށް ވަތް ސަޕޯޓަރުންގެ އަދަދުން އޮތީ ފެންނާށެވެ. މި މެޗު ބަލަން ދަނޑަށް ވަދެފައި ވަނީ 16611 ސަޕޯޓަރުންނެވެ. މިއީ ފްރާންސް މެޗެއް ބަލަން އެންމެ މަދުން ސަޕޯޓަރުން ވަތް މެޗެވެ. ދަނޑަށް ވަތް ސަޕޯޓަރުން ވެސް ވަނީ ފަލަސްތީނުގެ ދިދަ ދަނޑުގައި ވިހުރުވާ އިޒްރޭލާއި ދެކޮޅަށް ޝުއޫރު ފާޅުކޮށްފައެވެ.
މި ގްރޫޕްގެ ފަހު މެޗުގައި އިޓަލީ ދެން ނިކުންނާނީ އަމިއްލަ ގައުމުގައި ފްރާންސާއި ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!