ޔަމަނުގެ ސައޫންގައި ހުރި އަސްކަރީ ކޭމްޕެއްގައި ދިން ހަމަލާއެއްގައި ސައުދީ އަރަބިއްޔާގެ އޮފިސަރަކާއި ނޮން-ކޮމިޝަންޑް އޮފިސަރަކު ޝަހީދުވެ، އިތުރު އޮފިސަރަކަށް އަނިޔާވެއްޖެއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ޔަމަނުގައި ޤާނޫނީ ސަރުކާރު ސަޕޯޓްކުރުމަށް އުފައްދާފައިވާ ކޯލިޝަންގެ ސްޕޯކްސްޕާސަން ބްރިގޭޑިއަރ ޖެނެރަލް ތުރުކީ އަލް-މާލިކީއެވެ.އަލް-މާލިކީ ވިދާޅުވި ގޮތުގައި މި ހަމަލާ ދީފައިވަނީ ހުކުރު ދުވަހުގެ ރޭ ކޭމްޕުގައި ކުޅިވަރު ތަމްރީނެއް ކުރިއަށްދަނިކޮށެވެ. މި ކޭމްޕަކީ ކޯލިޝަން ބާރުތަކަށް އެހީތެރިވުމާއި، މުވައްޒަފުން ތަމްރީނުކުރުމާއި، ޓެރަރިޒަމާއި ވަގު ވިޔަފާރިއާ ދެކޮޅަށް މަސައްކަތްކުރުމާއި، އަދި ޔަމަނުގައި އިންސާނީ އަދި ތަރައްޤީގެ މަސައްކަތްތަކަށް އެހީތެރިވުމުގައި މުހިންމު ދައުރެއް އަދާކުރާ ކޭމްޕެކެވެ.

ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ރިޕޯޓުކުރި ގޮތުގައި މި ހަމަލާ ދިން ފަރާތަކީ ޔަމަނުގެ ޑިފެންސް މިނިސްޓްރީއާ ގުޅުންހުރި މީހެކެވެ. ނަމަވެސް މިއީ އޭނާގެ އަމިއްލަ ޢަމަލެއް ކަމަށާއި، މިއީ ޔަމަނުގެ ޑިފެންސް މިނިސްޓްރީގެ އަގުތަކާއި އުސޫލުތައް ދައްކުވައިދޭ ކަމެއް ނޫން ކަމަށް އެސްޕީއޭ އިން ބުނެފައިވެއެވެ.

އަނިޔާވި އޮފިސަރާއި ޝަހީދުވި ދެ އޮފިސަރުންގެ ހަށިކޮޅު ޔަމަނުން އަވަސް އެހީގެ ދަށުން ސައުދީ އަރަބިއްޔާއަށް ގެންދެވިފައިވާ ކަމަށް އަލް-މާލިކީ ވިދާޅުވިއެވެ. އަދި މި ހާދިސާއާ ގުޅިގެން ޔަމަނުގެ ޑިފެންސް މިނިސްޓްރީއާއެކު ތަޙުޤީޤެއް ކުރިއަށްގެންދާނެ ކަމަށާއި، ހަމަލާ ދިން ފަރާތް ހޯދައި ޢަދުލުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ad
rt