ބައިނަލް އަޤްވާމީ ޖަމާޢަތް، އެކުވެރި ދައުލަތްތައް (އ.ދ) އަކީ އުނިކަންތަކާއި މައްސަލަތަކާއެކުވެސް އަދިވެސް މުހިއްމު އަދި އޭގެ ބޭނުން ހިފަން ޖެހޭ ޖަމްއިއްޔާއެއްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޔޫ.އެން ޑޭގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި އދގެ ޢާއްމު މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު ވިދާޅުވެފައިވަނީ، ބޮޑެތި ގައުމުތަކާއެކު ކުޑަ ގައުމުތަކުންވެސް ބައިނަލްއަގްވާމީ މައިދާނުގައި ޒިންމާ އަދާކުރަންޖެހޭ ކަމަށާއި، ދިވެހިރާއްޖެއިން މިކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

Ad
rt

"ކޮންމެ ގައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރަންޖެހޭ ގައުމެއް"

ޝާހިދު ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖްގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއަކީ އަބަދުވެސް މަލްޓިލޭޓަރަލިޒަމް ގަބޫލުކުރާ އަދި އދގެ މުހިއްމުކަން ގަބޫލުކުރާ ގައުމެކެވެ. އެގޮތުން 1965 ގައި މިނިވަންކަން ލިބުމާއެކު ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ފުރަތަމަ ނިންމުމަކަށްވީ އދގެ މެމްބަރުކަން ހޯދުމެވެ.

އދގެ ޗާޓަރަށް އަމަލުކުރަން ފެށިތާ 8 ދަހައްތަ ފުރޭއިރު، މިއަދު ދުނިޔެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި، ފަގީރުކަމާއި، ގަތުލުއާއްމުތައް ފަދަ މައްސަލަތައް ހައްލުކުރުމުގައި އދގެ ދައުރު ވަރަށް މުހިއްމުކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މަލްޓިލޭޓަރަލިޒަމްއާއި، މަޝްވަރާއާއި އެއްބައިވަންތަކަން އިތުރަށް ކުރިއަރުވަން ޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެކުވެރި ދައުލަތްތައް (އ.ދ) އަކީ ބައިނަލް އަޤްވާމީ ޖަމާޢަތެކެވެ. އދ. ގެ ފަރާތުން މަސައްކަތް ކުރާ މައިގަނޑު ކަންތައް ތަކުގެ ތެރޭގައި ބައިނަލް އަގްވާމީ ގާނޫނުތައް ދެމެހެއްޓުން، ބައިނަލް އަގުވާމީ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުން، ގައުމުތަކުގެ އިގްތިޞާދީ ކުރިއެރުމަށް އެހީތެރިވުން، އިޖްތިމާއީ ކުރިއެރުމުގައި ބައިވެރިވުން، އަދި އިންސާނީ ހައްގުތައް ރައްކާތެރިކޮށްދިނުން ފަދަ ކަންތައްތައް ހިމެނެއެވެ. އދ. އުފެދުނީ 24 އޮކްޓޯބަރ 1945 ގައި އެމެރިކާގެ ކެލިފޯނިޔާގެ ރަށެއް ކަމުގައިވާ ސެންފްރެންސިސްކޯ ގައެވެ. އދ. އުފެދުމުން އޭގެ ކުރިން އޮތް ލީގް އޮފް ނޭޝަން އޭ ކިޔޭ ޖަމާޢަތް އުވާލެވުނެވެ. އދ. އުފެދުނީ ގައުމުތަކުގައި މެދުގައި ކުރެވޭ ހަގުރާމަތައް ހުއްޓުމަކަށް ގެނެސް، ސުލްހަ ގާއިމްކުރުމަށް އެހީތެރިވެ ދިނުމަށްޓަކައެވެ. އދ. މެންބަރު ގައުމުގެ ގޮތުގައި މިހާރު 192 ގައުމު އެބައޮތެވެ. އދ. މައި ހެޑްކްއާޓަރ ހުންނަނީ އެމެރިކާގެ ނިއުޔޯކް ސިޓީ ގައެވެ.