ތިލަދުންމަތީ އުތުރުބުރީ ވަށަފަރުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ، ވަށަފަރު އެސޯސިއޭޝަން ފޯ ޔުނިޓީ ޑިވެލޮޕްމެންޓް އެންޑް ހާމޮނީ (ވައުދު) ޖަމިއްޔާއިން އިސްނަގައިގެން އެ ރަށު ސްކޫލުގެ މުދައްރިސުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބޮޑު ހަފްލާއެއް ބާއްވާ، ސްކޫލަށް މާލީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.

ވަށަފަރު ސްކޫލުގެ މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމަށް ވައުދު ޖަމިއްޔާއިން ބޮޑު ހަފްލާއެއް ބާއްވާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. ވަށަފަރު ސްކޫލް ހޯލުގައި ބޭއްވި މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ.

Ad
rt

ފުރިހަމަ ތައްޔާރީތަކަކާއިއެކު ބޭއްވި މި ހަފްލާގައި ވައުދު ޖަމިއްޔާއިން ވަނީ ވަށަފަރު ސްކޫލުގެ މުދައްރިސުންނާއި އިދާރީ މުވައްޒަފުންގެ އިތުރުން މަސައްކަތު މުވައްޒަފުން ހިމެނޭހެން، ތައުލީމް ފޯރުކޮށްދިނުމުގައި ޝާމިލްވާ އެންމެންގެ ހިދުމަތުގެ އަގުވަޒަންކޮށް ހަނދާނީ ފިލަޔާއި ހަދިޔާ ހަވާލުކޮށްފައެވެ.

މީގެއިތުރުން އެ ސްކޫލުގެ ސްޓާފްރޫމް އިތުރަށް ތަރައްގީ ކުރުމަށް ވައުދު ޖަމިއްޔާއިން ވަނީ 60000 (ފަސްދޮޅަސްހާސް) ރުފިޔާ ހަދިޔާ ކޮށްފައެވެ. އަދި އެ ސްކޫލުގެ ޕީޓީއޭއަށް ވަނީ 25000 (ފަންސަވީސްހާސް) ރުފިޔާ ހަދިޔާކޮށްފައެވެ.

މި ހަފްލާއާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ވައުދު ޖަމިއްޔާގެ ރައީސް ހަސަން ޝާކިރު ބުނީ މި ހަފްލާ އެ ޖަމިއްޔާއިން ބާއްވަން ނިންމީ އެ ރަށުގެ އޯޕަން ސްޓޭޖުގައި އެންމެންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކަމަށާއި ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން ސްކޫލު ހޯލުގައި ކުރިއަށް ގެންދަން ޖެހުނީ ކަމަށެވެ.

ހަސަން އިތުރަށް ބުނީ ހަފްލާ ބޭއްވުމުގެ ކުރިން ސްކޫލަށް ދަތިވެފައިވާ ކަންކަން އެ ޖަމިއްޔާއިން އޮޅުންފިލުވި ކަމަށާއި، އެގޮތުން ސްކޫލްގެ ސްޓާފްރޫމަކީ މުދައްރިސުންނަށް ހިތްހަމަ ޖެހިލައިގެން މަސައްކަތް ކުރެވޭ ތަނަކަށް ހެދުމަށް ބޭނުންވާތީ އެކަމުގެ މާލީ އެހީތެރިކަން ފޯރުކޮށްދޭން އެ ޖަމިއްޔާއިން ނިންމީ ކަމަށެވެ.

ވަށަފަރު ވައުދު ޖަމިއްޔާއަކީ 2004 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން އަންނަނީ އެ ރަށުގައި އިޖުތިމާއީ ގޮތުން ހަރަކާތް ހިންގުމުގެ އިތުރުން އެކިފަރާތްތަކުން ހިންގާ އެކިއެކި އިޖުތިމާއީ ހަރަކާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ރަށުގެ ތަރައްގީއަށް މަސައްކަކަތް ކުރުމާއި ރަށުގެ ތައުލީމު ކުރިއެރުވުމާއި ކުޅިވަރު މުބާރާތްތައް ހިންގުމާއި ބައިވެރިވުމަކީ އެ ޖަމިއްޔާގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.