ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރިތައް ޤާއިމުކުރުމަށް މެރިކަލްޗަރ ތަރައްޤީކުރުމަށް ހަތަރު ޒޯނެއް ކަނޑައަޅައިފިއެވެ.
މި ޒޯންތައް ކަނޑައަޅާފައި ވަނީ ސެޕްޓެންބަރު 30 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
މިގޮތުން ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރިތައް ޤާއިމުކުރުމަށް މެރިކަލްޗަރ ތަރައްޤީކުރުމަށް ހަތަރު ޒޯނެއް ކަނޑައަޅުއްވާފައެވެ.
މި ޒޯންތަކަކީ، ބޮޑުތިލަދުންމަތި (ހދ. އަދި ށ.އަތޮޅު) މެރިކަލްޗަރ ޒޯނާއި، މާޅޮސްމަޑުލު އުތުރުބުރީ (ރ) އަތޮޅު މެރިކަލްޗަރ ޒޯނާއި، މުލަކަތޮޅު (މ) އަތޮޅު މެރިކަލްޗަރ ޒޯން އަދި ކޮޅުމަޑުލު (ތ) އަތޮޅު މެރިކަލްޗަރ ޒޯނެވެ.
ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރިތައް ޤާއިމުކުރުމަށްޓަކައި، ހެޗަރީތައް ބިނާކުރުމާއި ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާޙައުލުގައި ބޮޑުކުރުމަށް، ފޮރިން އިންވެސްޓްމަންޓްތައް ހިމެނޭގޮތަށް އާންމުކޮށް ހުޅުވާލައިގެން، ވަކި ޒޯނުތަކެއްގައި މެރިކަލްޗަރ ތަރައްޤީކުރާ ޒޯންތަކެއްގެ ގޮތުގައި މި ޒޯނުތައް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ.
މީގެ އިތުރުން މާލެއަތޮޅު ދެކުނުން، ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް 7 ކިލޯމީޓަރު ދެކުނުން އޮތް ޖުމްލަ 73 ހެކްޓަރުގެ ފަރުގެ ސަރަޙައްދަކީ ކޮމަރޝަލް ސްކޭލެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގުމަށް ޚާއްޞަކުރެވޭ މޫދުކޮށީގެ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުމާއި މެރިކަލްޗަރ ކުރުމަށް ކަނޑައަޅާ ޒޯނުތައް ކުއްޔަށް ދިނުމުގައި ޢަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!