ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާކުރެއްވި ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާކުރީ ސިފައިންގެ ވީއައިޕީ އިމާރާތެއްގައި ޝިޔާމްގެ ބައްޕަ ބަހައްޓައި އަދި ބައްޕަގެ ކަންކަން ބަލަހައްޓަން ސިފައިންގެ އޮފިސަރަކު ބެހެއްޓި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ޝިޔާމްގެ މައްޗަށް ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ޝިޔާމްގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެއްކެއް ނެތް ކަމަށެވެ.
ހުކުމުގައިވަނީ ސިފައިންގެ އިމާރާތެއްގައި ޝިޔާމްގެ ބައްޕަ ދިގު މުއްދަތަކަށް ބަހައްޓާފައިވާކަން ހެކިތަކުން އެނގެން ނެތް ކަމަށެވެ. އަދި އެތަނުގައި ޝިޔާމްގެ ބައްޕަ ބެހެއްޓުމަށް ހިނގި ހަރަދުތަކަށް ދައުލަތުން ފައިސާ ދައްކާފައިނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެހެންކަމުން ޝިޔާމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ޝިޔާމްގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް 2020 ވަނަ އަހަރު ފޮނުވުމުގެ ކުރިން އެ ކޮމިޝަނުން ނިންމާފައި އޮތީ އޭނާގެ މައްޗަށް ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!