ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް އަޅުމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އިހަވަންދޫ ކައުންސިލާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހުއެވެ. އިހަވަންދޫ ކައުންސިލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ވަޖީހު ވިދާޅުވީ އަމާޒަކީ ވީހާވެސް އަވަހަކަށް ޑޮކްޔާޑާއި ސްލިޕްވޭގެ އަމަލީ މަސައްކަތް ފެށުން ކަމަށާއި، މި ޑޮކްޔާޑާއި ސްލިޕްވޭއަކީ އުތުރުގައި ދޭ މެރިޓައިމްގެ ހިދުމަތްތަކުގެ މުހިންމު ބައެއް ކަމަށެވެ. އޭނާ ވިދާޅުވީ އުތުރުގައި މެރިޓައިމްގެ ހިދުމަތް ފެށިގެންދާއިރު ހުރިހާކަމެއް އެންމެ ފުރިހަމަ ނުވިޔަސް މިއީ މުސްތަގުބަލުގައި ކާމިޔާބު ޕްރޮޖެކްޓަކަށް ވާނެކަމަށް ޔަގީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ވަޖީހު އިތުރަށް ވިދާޅުވީ ރާއްޖެ އޮތް ޖިއޮގްރަފިކަލް ލޮކޭޝަނުން މި މަސައްކަތުގެ ފައިދާ ވަރަށް ފުރިހަމައަށް ނެގޭނެ ކަމަށާއި، މިއަދު އަދި މާދަމާ ނުވިޔަސް ކުރިއަށް އޮތްތަނުގައި މިކަމުން ނަފާ ލިބިގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ ތަރައްގީ ކުރެވިގެންދާ ޑޮކްޔާޑާއި ސްލިޕްވޭގެ ސަބަބުން ރަށުގައި ވަޒީފާގެ ފުރުސަތު އިތުރުވެގެން ދާނެކަމަށެވެ. މި މަސައްކަތް އަވަހަށް ފެށި ނިންމާލެވި ކައިރި މުސްތަގުބަލެއްގައި ނަފާވުމަކީ އުންމީދެއް ކަމުގައި ސޮބާހް ވިދާޅުވިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ އިސްވެރިންނާއި އިހަވަންދޫގެ އެކި އިދާރާތަކުގެ ވެރިންނާއި ރައްޔިތުން ބައިވެރިވިއެވެ.
އިހަވަންދޫގައި ޑޮކްޔާޑެއް އެޅުމަށް 2022 ގެ ޖޫން މަހު އެމްޓީސީއާ ވެސް ހަވާލުކުރި އެވެ. ނަމަވެސް، އެ އެއްބަސްވުން ބާތިލުކުރަން އެ ރަށު ކައުންސިލުން ބުދަ ދުވަހު ވަނީ ނިންމައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!