މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް، މި އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ފެށޭނެކަމުގެ އުންމީދުކުރައްވާ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ތަޢުލީމީ ދާއިރާގައި މުހިންމު ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އަންނަ މަހު ފެށޭނެކަމަށް އުންމީދުކުރަށްވާކަމަށް ވަޒީރު ޝަފީޢު ވިދާޅުވީ، އިއްޔެ ބޭއްވުނު މަތީ އަރުތަވެރީންގެ އިނާމު 2022-2023 ޖަލަލްސާގެ ދެވަނަ ދަންފަޅީގައި ދެއްކެވި ވާހަކާގައެވެ.
ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް، މި އަހަރުގެ މާރިޗް މަހު ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ ގްރާންޓަކަށް ޕްރޮޕޯސަލްއެއް ހުށަހެޅުއްވި ކަމަށެވެ.
މިއަހަރުގެ މޭ މަހުގައި މި ޕްރޮޕޯސަލްއަށް ޖީޕީއީގެ ހުއްދަ ލިބިފައިވާ ކަމަށާއި، އަދި އޮކްޓޫބަރު މަހުގެ ތެރޭގައި މި ޕްރޮޖެކްޓް ފެށޭނެ ކަމަށް އުންމީދުކުރަށްވާ ކަަމަށް ވަޒީރު ޝަފީޢު ވަނީ ވިދާޅުވެފައެވެ.
ހަމައެކަނި ދިވެހި މުދައްރިސުން ތިބޭގޮތަށް ހެދުމުގެ ބޮޑު މަޝްރޫޢެއް ފަށަނީ
މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދަން ނިންމާފައި ވަނީ، މުދައްރިސުން ލިބުން ދަތިވާ މާއްދާތަކާއި، ރަށްތައް ފާހަގަކޮށް، އެ ކަންކަމަށް ހާއްސަ އިސްކަމެއް ދީގެންނެވެ.
ދިވެހި ތަޢުލީމީ ނިޒާމުގައި ހަމައެކަނި ދިވެހި މުދައްރިސުން ތިބޭގޮތަށް ހެދުމުގެ ބޮޑު މަޝްރޫޢެއް ފަށަން ތައްޔާރުވެފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރެއްވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން 26 ޖުލައި 2024 ވަނަ ދުވަހުގެ ރޭ މާލޭގެ ސޯސަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!