ހދ.އަތޮޅު ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ރަށް ތަމްސީލް ކުރުމަށް ހަނިމާދޫ ކައުންސިލުން އެ ރަށު ކުލަބް ޖަމިއްޔާތަކަށް ހަތަރު ލައްކައަށް ވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން އޮގަސްޓް މަހު ބޭއްވި "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024" ފުޓްބޯޅަ މުބާރާތުގައި ހަނިމާދޫ ތަމްސީލް ކުރަން ނުކުތް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް، ކައުންސިލުން މާލީ އެހީގެ ގޮތުގައި 82000 (އައްޑިހަ ދެހާސް) ރުފިޔާގެ ދިނެވެ.

Ad
rt

މި މަހުގެ ހަވަނަ ދުވަހު ކުޅުދުއްފުށީގައި ފެށި ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ "ތިލަދެކުނު ފުޓްބޯޅަ މުބާރާތް 2024" ގައި ހަނިމާދޫ ތަމްސީލް ކުރަނީ، ހަނިމާދޫ ސާއްބަ އެކުވެރި ކުލަބެވެ. އެ މުބާރާތަށް ސާއްބައަށް ހަނިމާދޫ ކައުންސިލުން ވަނީ 141500 (އެއްލައްކަ ސާޅީސް އެއް ހާސް ފަސްސަތޭކަ) ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފައެވެ.

ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މި މަހު 27 ވަނަ ދުވަހު ފަށާ "ތިލަދެކުނު އަންހެނުންގެ ފުޓްސަލް މުބާރާތް" ގައި ހަނިމާދޫގެ ދެ ޖަމިއްޔާއަކުން ޓީމް ވަނީ ބައިވެރިވެފައެވެ. އެއީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އަންހެން ފުޓްސަލް ޓީމާ، ކެތިއަރާ ޖަމިއްޔާގެ ފުޓްސަލް ޓީމެވެ. މި މުބާރާތަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް 70000 (ހަތްދިހަ ހާސް) ރުފިޔާގެ މާލީ އެހީ ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އަދި ކެތިއަރާ ފުޓްސަލް ޓީމަށް 120800 (އެއްލައްކަ ވިހިހާސް އައްސަތޭކަ) ރުފިޔާ ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ފާއިތުވި ދެމަހެއްހާ ދުވަސްތެރޭ އަތޮޅު ފެންވަރުގައި ބޭއްވި އަދި ބާއްވަން ހަމަޖެހިފައިވާ މުބާރާތްތަކުގައި، ހަނިމާދޫ ތަމްސީލްކުރާ ޓީމްތަކަށް ކައުންސިލުން ޖުމްލަ 414300 (ހަތަރު ލައްކަ ސާދަހާސް ތިންސަތޭކަ) ރުފިޔާ ވަނީ ދޫކޮށް/ދޫކުރަން ނިންމާފައެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު ބުނީ، ކުޅިވަރުގައި ރަށް ތަމްސީލްކުރާ ކުލަބް ޖަމިއްޔާތަކަށް ކައުންސިލުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ކުޅިވަރުގެ ރޮނގުގައި ގިނަ ޒުވާނުންތަކަކަށް ފުރުސަތު ލިބެމުން އަންނަ ކަމަށެވެ.

ކުޅިވަރުގެ ރޮނގުގައި ރަށް ފަހުރުވެރިވާ ފަދަ ކާމިޔާބީތައް އަތޮޅު ތެރޭގައި ވެސް ޖަމިއްޔާތަކުން ހޯދައިދެމުން އަންނަ ކަން ފާހަގަ ކުރަމުން ފިރާގު ބުނީ ދާދި ފަހުން ނިމިގެންދިޔަ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ހަނިމާދޫ ތަމްސީލްކުރި، ޒުވާނުންގެ ޖަމިއްޔާއިން ހުސް ރަށު ކުޅުންތެރިންނާއިއެކު ނުކުމެ މުބާރާތް ކާމިޔާބު ކުރުމަކީ އޭގެ ހެއްކެއް ކަމަށެވެ.

ހަނިމާދޫގައި ކޮންމެ އަހަރަކު ޑިސެމްބަރ މަހު ބާއްވާ ފުޓްބޯޅަ މުބާރާތް ހިންގުމަށްޓަކައި ވެސް ކައުންސިލުން ކޮންމެ އަހަރަކު އަންނަނީ މާލީ އެހީ ފޯރުކޮށްދެމުންނެވެ. މީގެއިތުރުން ހަނިމާދޫ ސްކޫލްގެ ކުރިއެރުމަށާއި، އަދި މިނޫންވެސް ދާއިރާތަކަށް އެ ކައުންސުލުން އަންނަނީ ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.