އުތުރުގެ ފަސް ރަށެއްގައި ގްރީންހައުސް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ރަށްތަކަކީ ހދ. އަތޮޅުގެ ހަނިމާދޫ އާއި ކުމުންދޫ، އަދި ށ. އަތޮޅުގެ ބިލެއްފަހި، ށ.ކަނޑިތީމު އަދި ށ.ފޭދޫ އެވެ.

Ad
rt

މި ގްރީންހައުސްތަކަކީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އީފާޑް) ގުޅިގެން ކުރިއަށްގެންދާ "މޯލްޑިވްސް އެގްރީބިޒްނަސް ޕްރޮގްރާމް" ގެ ދަށުން ތަރައްގީކުރުމަށް ނިންމާފައިވާ ތަންތަނެވެ.

މި ގްރީންހައުސްތައް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން އިއްޔެ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ފައިނޭންސް އެގްޒެކެޓިވް ފާތިމަތު ޝާއިއާ އެވެ. އަދި މަސައްކަތާ ހަވާލުވާ ފަރާތް، ވިސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު އެވެ.

މިއީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، ދަނޑުވެރިންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.

''މި މަޝްރޫޢުގެ ސަބަބުން އުތުރުގެ ރަށްތަކުގައި ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެ، ރަށު ފެންވަރުގައި އާމްދަނީ އިތުރުވުމަށް މަގުފަހިވާނެކަމަށް ބެލެވޭ، އަދި މިކަމުގެ ސަބަބުން ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމަށްވެސް އެހީތެރިވެދޭނެކަމަށް އުންމީދުކުރެވޭ'' ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.

މީގެ އިތުރުން، އިފާޑު އާއި ދިވެހި ސަރުކާރު ގުޅިގެން، ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ދަށުން ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގާ، "ދަނޑުވެރި މަންފާ" ޕްރޮގްރާމަށް ޕްރޮޕޯޝަލް ހުށަހެޅުމުގެ ފުރުސަތު ބޮޑުތިލަދުންމަތީގެ ރަށްތަކަށް މި އަހަރުގެ މޭ މަހު ވަނީ ހުޅުވާލާފައެވެ.

މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ތިލަދުންމަތީ އުތުރުބުރި، ތިލަދުންމަތީ ދެކުނުބުރި އަދި މިލަދުންމަޑުލު އުތުރުބުރީގެ(ހއ،ހދ އަދި ށ) މި ތިން އަތޮޅުގައި މީހުން ދިރިއުޅޭ 26 ރަށަށެވެ.

"ދަނޑުވެރި މަންފާ" ގްރާންޓް ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ދަނޑުވެރިކަން ކުރާ ވަކި ފަރުދުން، ކޯޕަރޭޓިވްސް، ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާއަތް، ޕްރޮޖެކްޓްގެ ދަށުން އުފެދިފައިވާ އައިލެންޑް ފާރމާ ފޯރަމް (އައި.އެފް.އެފް) ގެ މެމްބަރުން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

މި ޕްރޮގްރާމަކީ ދަނޑުވެރިކަމުގައި ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީ އަދި ވަސީލަތްތައް ބޭނުންކޮށްގެން ތިމާވެއްޓާއި ރައްޓެހި، އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ދަނޑުވެރިންނަށް ތައާރަފް ކޮށްދިނުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެކެވެ.