ދީނާ ދެކޮޅު މީހެއް ކަމުގައިވިޔަސް، އެމީހަކީ ހިދާޔަތު ދެވިދާނެ މީހެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށާއި އެއީ އަދާވާތްތެރިއެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށް ޒިންބާބުވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު ވިދާޅުވެއްޖެއެވެ.
މުފްތީ މެންކު ރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރެއިން މާލެ ސިޓީގެ ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ދަރުސްގައި ވާހަކަދައްކަވަމުން ވިދާޅުވީ ދީން ދޭހަވުމުގައި އަދި ދީނަށް އަމަލުކުރުމުގައި ބޭނުންކުރަން ޖެހޭނީ ހަރުކަށި ގޮތްތައް ނޫން ކަމަށާއި އެއީ އަގީދާގެ ގޮތުން އިސްލާމްދީނާ ދެކޮޅު މީހެއް ކަމުގައިވީ ނަމަވެސް، އެމީހަކާ ދޭތެރޭގައި މުއާމަލާތްކުރަން ޖެހޭނީ އޯގާތެރިކަމާއެކު ކަމަށް މެންކު ވިދާޅުވިއެވެ.
މުފްތީ މެންކު އިތުރަށް ވިދާޅުވީ ބައެއް ފަހަރަށް ދީނާ ދުރުވެގެން ގޮސް، ދީނުގައި ކުރަން އަންގަވާފައިވާ ކަންތައްތައް ނުކުރެވިގެންދާ ކަމަށާއި އަނެއްބައި ފަހަރަށް ދީނުގައި ކަންތައްތައް ކުރަން އޮތް ގޮތް ނޫން އެހެން ގޮތަކަށް ދީން ދޭހަކޮށްގެން، ހަރުކަށިކަމާއެކު މީހުންނާ ދޭތެރޭގައި މުއާމަލާތުކުރަމުންދާ ކަމަށެވެ.
"ދީން ދޭހަވުމުގައި އަދި ދީނަށް އަމަލުކުރުމުގައި އަޅުގަނޑުމެން ހަރުކަށި ގޮތްތަކެއް ނޫން ބޭނުންކުރަން ޖެހޭނީ. އެއީ އަގީދާގެ ގޮތުން އަޅުގަނޑުމެންނާ ދެކޮޅު މީހެއް ކަމުގައިވީ ނަމަވެސް، އެމީހަކާ ދޭތެރޭގައި މުއާމަލާތުކުރަން ޖެހޭނީ އޯގާތެރިކަމާއެކުގައި. މާތްﷲ ކޮންމެވެސް ދުވަހަކުން އެމީހަކަށް ރަހުމަތްލައްވައި، އެމީހަކު އިސްލާމްދީނަށް އަތުވެދާނެ. އެހެންވީމާ އަޅުގަނޑުމެން އަދާވާތްތެރިއެއްގެ ގޮތުގައެއް ނޫން ބަލަންޖެހޭނީ. އަޅުގަނޑުމެން ބަލަންޖެހޭނީ އަޅުގަނޑުމެންގެ ފަރާތުން އެމީހަކަށް ހިދާޔަތު ދެވިދާނެ މީހެއްގެ ގޮތުގައި،"
މެންކް ވިދާޅުވިއެވެ.
މުފްތީ މެންކު ވިދާޅުވީ މޫސާގެފާނާއި ހާރޫނުގެފާނަށް ވެސް މާތްﷲ އެންގެވީ ފިރުއައުނާ ބައްދަލުކޮށް މަޑުމައިތިރިމާއެކު ވާހަކަދެއްކުމަށް ކަމަށާއި މާތް ނަބިއްޔާގެ އަސްހާބުންނަށް ހަރުކަށި ގޮތް ބޭނުންކުރާ ކަމަށްވާނަމަ، އެބޭކަލުން ދުރަށްޖެހިވަޑައިގަންނަވާނެ ކަމަށް މާތް ނަބިއްޔާއަށް މާތްﷲ އިރުޝާދުދެއްވި ކަމަށެވެ.
އެހެންވެގެން ރަސޫލާއަށް އެންގެވީ އޯގާތެރިވުމަށް. ނޫހުގެފާނު 950 އަހަރުވަންދެން މާތްﷲގެ ދީނަށް ގޮވާލެއްވުމުގައި އުޅުއްވި އިރުވެސް އެ ދިގު މުއްދަތުގައި ނޫހުގެފާނު މީހަކަށް ގޯނާއެއްދީ، މީހަކު މަރާލައި، މީހަކަށް އަނިޔާއެއް ދީފައެއް ނުވޭ،
މެންކް ވިދާޅުވިއެވެ.
މުފްތީ މެންކުގެ ދަތުރުގައި ބުރާސްފަތި ދުވަހު ދަރުސް ދެއްވުމަށް ހަމަޖައްސާފައިވަނީ ކުޅުދުއްފުށީ ސިޓީގައެވެ. އެ ދަރުސްގައި އިސްލާމްދީން މާނަކުރާއިރު މާނަކުރަން ޖެހޭ އަސްލު ގޮތާ ބެހޭގޮތުން ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވާނީވެސް މުފްތީ މެންކު ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ. ހުތުބާގެ މައުލޫއަކަށް ކަނޑައަޅާފައިވަނީ ހަލާލު ގޮތުގައި ފައިސާ އާއި މުދާ ހޯދައި ހަރަދު ކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!