ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަންނަން ސަރުކާރުން އެކަށަހަޅާފައިވާ ސިޔާސަތުތައް ތަންފީޒުކޮށް، ސަރުކާރުން އަޅާ ފިޔަވަޅުތަކާއެކު ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެވިކަން އިޔާދަކުރެވޭނެކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ.
ފިޗް ރޭޓިންސް (ފިޗް) އިން މިއަދު ވަނީ ރާއްޖޭގެ ލޯންގް ޓާމް ފޮރިން ކަރަންސީ އިޝޫއާ ޑިފޯލްޓް ރޭޓިން "ސީސީސީ+" އިން "ސީސީ" އަށް ބަދަލުކޮށްފައެވެ.
މި ބަދަލުގެނައިކަން ފާހަގަކޮށް މާލީ ވިޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފިޗުން މި ރޭޓިން އެކްޝަން ނަގާފައި ވަނީ ރާއްޖޭގެ އިޤްތިޞާދީ ދުޅަހެޔޮކަން ދެމެހެއްޓޭނެކަމަށް ބެލެވުނުނަމަވެސް ރާއްޖޭގެއަށް މިހާރު ކުރިމަތިވެފައިވާ ފިސްކަލް އަދި އަދި އެކްސްޓަރނަލް ސެކްޓަރތަކުގެ ހިރާސްހުރިކަމަށް ބެލެވޭތީ ކަމަށެވެ.
ފިޗުން ފާހަގަކޮށްފައިވާ ކަންކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ދަނީ އާމްދަނީ އާއި ޚަރަދުގެ ސިޔާސަތުތައް ވަށާޖެހޭނެހެން ރިފޯމްކޮށް، މެދު ރާސްތާގައި ދަރަނި ނަގަންޖެހޭ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރަން ތައްޔާރުވަމުންކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.
ނޫސްބަޔާން: ފިޗް ރޭޓިންގްސްގެ ކްރެޑިޓް ރޭޓިންގ އެކްޝަނާ ގުޅޭ pic.twitter.com/Qr6MRqxwiQ
— Ministry of Finance (@MoFmv) August 29, 2024
މި ބަޔާނުގައި ވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ވެސް ހިމަނާފައެވެ. މިގޮތުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އެއަރޕޯޓު ޓެކްސްތަކާއި ފީތަކާއި، ގްރީން ޓެކްސްގެ ރޭޓުތަކާއި، ސިއްޙަތަށް ގެއްލުންދެނިވި ބައެއް ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީ މަތިމާއި، ޓީޖީއެސްޓީގެ ގޮތުގައި ލިބޭ ބޭރުފައިސާގެ ޢާމްދަނީ އިތުރުކުރުމަށް ޖީއެސްޓީގެ ޤާނޫނު އިސްލާޙުކޮށް، ޓެކްސްގެ ބޭސްފުޅާކުރުން ހިމެނޭކަމަށް މި ބަޔާނުގައި ބުނެފަވެއެވެ.
ސަރުކާރުން މާލީ ދާއިރާ ހަރުދަނާކުރުމަށް ތަންފީޒުކުރުމަށް ނިންމަވާފައިވާ ކަންކަމާއެކު މިއަހަރާއި މެދުރާސްތާގައި ފަތުރުކަމުގެ ދާއިރާއަށާއި، އިޤްތިޞާދަށް އަންނާނެކަމަށް ބެލެވޭ ކުރިއެރުމާއެކު ދައުލަތުގެ މާލީ ޙާލަތު ރަނގަޅުވެ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޔާދަކުރެވޭނެކަމަށް ލަފާކުރެވޭކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!