ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ޑޮލަރުން ދައްކާގޮތަށް ހަމަޖައްސަން މަސައްކަތްކުރަމުން އަންނަކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ޙައްލުހޯދުމަށާއި ރާއްޖޭގެ އިޤުތިޞާދު އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ހާމަކުރުމަށް ސަރުކާރުން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

Ad
rt

މި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި މާލީ ވަޒީރު މުޙައްމަދު ޝަފީޤާއި އިޤްތިޞާދާބެހޭ ވަޒީރު މުޙައްމަދު ސަޢީދު އަދި ބަންޑާރަނައިބު އަޙްމަދު އުޝާމެވެ. މިއަދުގެ ނޫސްވެރީންގެ މި ބައްދަލުވުމުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި އެކަމާއިގުޅިގެން ގެންނަވާނެ މުހިންމު ބަދަލުތަކާމެދު މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމަޖިލީހުގެ މެންބަރުންނާ މަޝްވަރާކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ.

ނޫސްވެރީންގެ މި ބައްދަލުވުމުގައި ބަންޑާރަނައިބު އަޙްމަދު އުޝާމް ދެއްވި ވާހަކާގައި ސަރުކާރުން މިހާރުން މިހާރަށް ގެންނަވަން ވިސްނަވާ ބަދަލުތަކުގެ ތެރޭގައި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާއިރު ޑޮލަރުން ދައްކާގޮތަށް ހަމަޖެއްސުން ހިމެނޭކަމަށް ވަނީ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޑޮލަރުން މުސާރަދޭ ފަރާތްތަކުން ޕެންޝަނަށް ދައްކާ ފައިސާއަކީ ވެސް ޑޮލަރުން ދައްކަންޖެހޭ ފައިސާގެ ގޮތަށް ހަމަޖެއްސުމާ އަދި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން، ކަސްޓަމްސް ޑިއުޓީ ދައްކާއިރުވެސް ޑޮލަރުން އެފައިސާ ދައްކަންޖެހޭގޮތަށް ހަމަޖެއްސުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ސަރުކާރުން ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

އެކަންކަމުގެ ތަފްޞީލުތައް ކުރިޔަށް އޮތް ހަފުތާއެއް ނުވަތަ ދެހަފުތާއެއްގެ ތެރޭގައި ހާމަކުރަށްވާނެކަމަށް ވެސް ބަންޑާރަނައިބު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ޙައްލު ހޯދުމުގައި ބޭންކް އޮފް މޯލްޑިވްސްއަށް ބޭނުންވާކަންކަމަށް ގެނެވެންހުރި ހައްލުތަކާމެދު މަރުކަޒީ ބޭންކު، އެމް.އެމް.އޭއާ އެކުވެސް މަސައްކަތްތަކެއް ކުރަމުންދާކަން ސަރުކާރުން ވަނީ މިއަދު ހާމަކުރަށްވާފައެވެ.