ޖާގަ އިތުރުކޮށް، އާސަހަރާ މިސްކިތުގެ މަސައްކަތް އަންނަ ސެޕްޓެމްބަރ މަހު ނިންމާލެވޭނެ ކަމުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ﷲ ގެ ރަހުމަތްފުޅާއިއެކު އާސަހަރާ މިސްކިތުގެ މަސައްކަތް ސެޕްޓެމްބަރ މަހު ނިންމާލެވޭނެ ކަމަށާއި، މިސްކިތުގެ މަސައްކަތް ނިމޭއިރު 3200 އަކަފޫޓު މިސްކިތައް އިތުރު ކުރެވޭނެ ކަމަށެވެ.

Ad
rt

މޭޔަރު އިތުރަށް ވިދާޅުވީ މިސްކިތް ނިމޭއިރު އެތަނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފާހާނާއަކާއި އަންހެން ބޭފުޅުންނަށް ހާއްސަ ފާހާނާއާއި ވުޟޫކުރާ ބަޔަކާއި ނަމާދުކުރާ ބައެއްގެ އިތުރުން ޖަނާޒާތަކަށް ވަޑައިގަންނަވާ ބޭފުޅުން މަޑުކޮށްލެވޭނެ ހާއްސަ ސަރަހައްދެއް ތަރައްގި ކުރެވޭނެ ކަމަށެވެ.

އާސަހަރާ މިސްކިތުގެ މަސައްކަތް މިހާތަނަށް ތިން ކުންފުންޏަކާއި ވަނީ ހަވާލު ކޮށްފައެވެ. ފުރަތަމަ އެ މަސައްކަތް ހަވާލުކުރީ ޕީއެންޕީ ކުންފުންޏާއެވެ. އެއީ 4.9 މިލިއަން ރުފިޔާއަށެވެ. ތަފާތު ސަބަބުތަކާއި ހުރެ މަސައްކަތް ކުރިއަށް ނުދިޔުމުން ސިޓީ ކައުންސިލުން ވަނީ އެ ކުންފުންޏާއިއެކު ހެދި އެއްބަސްވުން އުވާލާފައެވެ. އެއްބަސްވުން އުވާލައި ސިޓީ ކައުންސިލުން ވަނީ އެ ކުންފުންޏަށް 3.6 މިލިއަން ރުފިޔާ ދައްކާފައެވެ.

އެއަށްފަހު ސިޓީ ކައުންސިލުން އެ އެއިމާރާތް ފަރުމާ ކުރުމަށް ހަވާލުކޮށްފައި ވަނީ ބީސިކްސް ކޮންސްޓްރަކްޝަން އާއެވެ. އެއީ 4.6 މިލިއަން ރުފިޔާއަށެވެ. އެއަށްފަހު އެ އިމާރާތުގެ ފިނިޝިން މަސައްކަތް ކުރުމަށް ހައިމާން ކުންފުންޏާއި ހަވާލު ކޮސްފައި ވަނީ 2.7 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައެވެ.