ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކް ބިލްބާއޯއާއި ބާސެލޯނާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބުކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.

މިއީ ލީގުގައި ބާސާ ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ވެލެނެސިއާގެ މައްޗަށް ކުރި ހޯދާފައެވެ. ދެ މެޗުން ހަ ޕޮއިންޓް ހޯދައި މިވަގުތު ގޯލު ތަފާތުން ބާސާ އޮތީ ދެވަނާގައެވެ. އެއްވަނާގައި އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދި ސެލްޓް ވީގޯއެވެ.

Ad
rt

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބާސާއިންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި އޭރިއާ ބޭރުން ލެމީން ޔަމާލް ފޮނުވާލި ހަމަލާ، ބިލްބާއޯގެ ގޯލަށް ވަނީ ޑިފެންޑަރެއްގެ ބޮލުގައި ޖެހި މިސްރާބު ބަދަލުވެގެން ގޮހެވެ.

ބިލްބާއޯއިން ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ، މެޗުގެ 42 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީންނެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދީފައި ވަނީ އުމުރުން 24 އަހަރުގެ އޮއިހަން ސަނސެޓްއެވެ.

މެޗުން ބާސެލޯނާ މޮޅުވި ލަނޑު 75 ވަނަ މިނެޓުގައި ޖަހައިދިނީ ލެވަންޑޯސްކީއެވެ. ބިލްބާއޯގެ އޭރިއާތެރެއަށް ހުރަސްވީ ބޯޅަ އެ ޓީމްގެ ކީޕަރު އަތުގައި ޖެހިފައި ނުކުތްވަގުތު އޭނާ ވަނީ އެ ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލާފައެވެ. ކުޅުނު ދެ މެޗުން ލެވަންޑޯސްކީ މިވަނީ ތިން ލަނޑު ޖަހާފައެވެ. ވެލެންސިއާ މެޗުގައި ބާސާއިން ކާމިޔާބު ކުރި ދެ ލަނޑު ވެސް ޖަހާފައި ވަނީ އޭނާއެވެ.

މިހާރު ބާސެލޯނާގެ ކޯޗުގެ މަގާމުގައި ހުރި ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ލެވަންޑޯސްކީ ވަނީ ބަޔާން މިއުނިކްގައި 2019 ވަނަ އަހަރުން 2021 ވަނަ އަހަރަށް ކުޅެފައެވެ. އެ މުއްދަތުގައި ލެވަންޑޯސްކީ ވަނީ ބަޔާނަށް ކުޅުނު 71 މެޗުގައި 83 ލަނޑު ޖަހައި، ޖުމްލަ 8 ތައްޓެއް ކާމިޔާބު ކޮށްފައެވެ. އޭގެތެރޭގައި ޗެމްޕިއަންސް ލީގު ވެސް ހިމެނެއެވެ.