ކްރޯމް ބްރައުޒަރު މެދުވެރިކޮށް ޔޫޒަރުންގެ އަމިއްލަ ޒާތީ މަޢުލޫމާތު އެފަރާތްތަކުގެ ހުއްދައަކާ ނުލައި އެއްކުރަމުންދާކަމުގެ ތުހުމަތުތަކާ ގުޅިގެން ގޫގުލުން ކޯޓުގައި ޖަވާބުދާރީވާން ޖެހިއްޖެއެވެ. މިކަން މިހެން ދިމާވީ އެމެރިކާގެ ފެޑެރަލް އެޕީލްސް ކޯޓުން އައު ރޫލިންގއެއް ނެރުމާ ގުޅިގެންނެވެ.

ގޫގުލްގެ މައްޗަށް ހުށަހެޅުނު މި މައްސަލައިގައި ކުރިން ދަށު ކޯޓުން ނިންމާފައިވާ ނިންމުން ބާތިލްކޮށް، އަލުން ބަލަން ޖެހޭނެކަމަށް ފެޑެރަލް އެޕީލްސް ކޯޓުން ވަނީ ނިންމާފައެވެ. މި މައްސަލައިގައި ދަޢުވާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކްރޯމް ސިންކް ފީޗަރ އެކްޓިވޭޓް ނުކުރާ ޔޫޒާ ތަކުގެވެސް ބްރައުޒިންގ ހިސްޓްރީ، އައިޕީ އެޑްރެސް އަދި އައިޑެންޓިފައިންގ ކުކީސް ގޫގުލުން ވަނީ އެއްކޮށްފައެވެ.

Ad
rt

ކުރިން މި މައްސަލަ ބެލި ފަނޑިޔާރު ޔުވޯން ގޮންޒާލެސް ރޮޖަރސް މައްސަލަ ބާތިލްކުރީ މިއީ ކްރޯމްގެ ޕްރައިވަސީ ޕޮލިސީގައި ބަޔާންކޮށްފައިވާ ކަމެއްކަމަށް ބުނެއެވެ. އަދި ބްރައުޒަރު ބޭނުންކުރުން ކުރިއަށް ގެންދިއުމަކީ އެ ޕޮލިސީއަށް އެއްބަސްވުން ކަމަށް ނިންމިއެވެ. ނަމަވެސް އެޕީލްގައި ފަނޑިޔާރު މިލާން ޑީ. ސްމިތް ޖޫނިއަރ ވިދާޅުވެފައިވަނީ ގޫގުލުން ދީފައިވާ މަޢުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން ޔޫޒަރުންނަށް މި އެއްބަސްވުންތައް ރަނގަޅަށް ދޭހަ ނުވެދާނެކަމަށެވެ.

މި މައްސަލައިގައި ދެން ކުރިއަށްދާނީ ކިހިނެއްކަމެއް މިވަގުތު ސާފެއް ނުވެއެވެ. ނަމަވެސް ގޫގުލުން ބޭނުންކުރާ ފަރާތްތަކުގެ ޑޭޓާ އެއްކުރުމާ ގުޅޭގޮތުން އިތުރު ސުވާލުތަކަކާ ކުރިމަތިލާން ޖެހިދާނެކަން ކަށަވަރެވެ.

ގޫގުލް ފަދަ ބޮޑެތި ޓެކް ކުންފުނިތަކަށް މިފަދަ ޕްރައިވެސީ މައްސަލަތަކުގައި މީގެކުރިންވެސް ކޯޓަށް ދާންޖެހިފައިވެއެވެ. އަދި ބޮޑެތި އަދަދުތަކުން ޖޫރިމަނާވެސް ކޮށްފައިވެއެވެ.