ހދ.އަތޮޅުގައި އޮތް އެންމެ އާބާދީ ކުޑަ އެއް ރަށަކީ ހިރިމަރަދޫއެވެ. މީސްކޮޅު މަދުވެފައި ކުޅިވަރުގެ ވަސީލަތްތައް މަދުނަމަވެސް އަތޮޅުގައި ބޭއްވޭ ގިނަ ފުޓްބޯޅަ މުބާރާތްތަކުގައި އެ ރަށް އަންނަނީ ވާދަކުރަމުންނެވެ.
މިހާތަނަށް ފުޓްބޯޅާގައި އަތޮޅުތެރޭ މާ ބޮޑު ކާމިޔާބެއް ހޯދިފައި ނުވި ނަމަވެސް ގިނަ މުބާރާތްތަކެއްގައި، އެ ރަށުން ޓީމެއް ބައިވެރިވެ ވާދަކުރުމުން، ފެނިގެންދާ ހަގީގަތަކީ އެއީ ފުޓްބޯޅައަށް ލޯބިކުރާ ބަޔަކު ދިރިއުޅެމުން އަންނަ ރަށެއްކަމެވެ.
2009 ވަނަ އަހަރު ހދ.އަތޮޅު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރުމާއި، 2017 ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ހދ.އަތޮޅު ބުރުގެ ސެމީ ފައިނަލުގައި ކުޅުމަކީ، އަތޮޅު ފުޓްބޯޅާގައި އެ ޓީމްގެ އެންމެ ކާމިޔާބު އަހަރުތަކެވެ.
މި އަހަރުގެ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ހިރިމަރަދޫއަށް ވާދަކުރުމުގެ ފުރުސަތު، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފޮނުވުމުން އެކަމަށް ޒުވާނުން ނުކުތީ ރަށުގެ ފުޓްބޯޅައިގެ ތާރީހު ބަދަލު ކުރުމުގެ އަޒުމުގައެވެ.
މުބާރާތުގެ ހިރިމަރަދޫ ހިމެނުނީ ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާއި ނޭކުރެންދޫ ސެނޮންގެ އިތުރުން ކުޅުދުއްފުށީ މަންތާ ސްޕޯޓްސް އެކަޑަމީއާއިއެކު ގްރޫޕް އޭ ގައެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމް ވަނީ ދެ މެޗުން މޮޅުވެފައެވެ. އެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ގްރޫޕްގެ އެއްވަނަ ހޯދީ ޖުމްލަ ހަތް ޕޮއިންޓާއިއެކުއެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ހިރިމަރަދޫ ނުކުތީ އެންމެ ފަހުގެ ޗެމްޕިއަން ޓީމް ކަމަށްވާ ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި ދެކޮޅަށެވެ. އިއްޔެ (20 އޮގަސްޓް 2024) ކުޅުނު މި މެޗުގައި ފެނިގެން ގޮސްފައި ވަނީ ވާދަވެރި ފޯރިގަދަ ކުޅުމެކެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޒިގްޒެގުންނެވެ. މި ލަނޑު 26 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ، އެ ޓީމަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިއެއް ކަމަށްވާ ޕްރިންސް ލާބީއެވެ.
ބައިކޮޅަށް ވަތްލަނޑާއިއެކު ހިރިމަރަދޫއިން ކުޅުން ރަނގަޅުކޮށް ލަނޑުޖަހަން ކުރި މަސައްކަތް ކާމިޔާބުވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އެ ޓީމުން ނަތީޖާ ހަމަހަމަ ކުރި ލަނޑު ޖަހައިދިނީ މުހައްމަދު ނަޝީދު (ފޯވާޑް) އެވެ.
ބޯ ވިއްސާރާގައި ކުޅުނު މި މެޗުން ހިރިމަރަދޫ މޮޅުވި ލަނޑު 77 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް މުހައްމަދު ނަޝީދުއެވެ. ފޯވާޑުގެ މި ތާރީހީ ގޯލުން މޮޅުވެ އެ ޓީމް މިވަނީ އަތޮޅު ފެންވަރުގައި ބޭއްވި މުބާރާތެއްގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ކަށަވަރުކޮށްފައެވެ.
މޫސުން ވަރަށް ގޯސް ދުވަސްވަރެއްގައި މުބާރާތުގެ ބޮޑުބައި ކުރިއަށް ދިޔަނަމަވެސް، ހިރިމަރަދޫ ކުޅުނު ހަތަރު މެޗު ބަލަން ވެސް އެ ރަށުގެ ރައްޔިތުން ކަހަލަ ގޮތަކަށް ކަނޑު ދަތުރުކޮށްފައި ކުޅުދުއްފުއްޓަށް ދިޔަކަމީ އެ ރަށުގެ ކުދިބޮޑު އެންމެންގެ ހިތުގައި ފުޓްބޯޅައަށް އޮތް ލޯބި އެންމެ ފުރިހަމައަށް ފެނިގެންދިޔަ ރަމްޒެކެވެ.
މުބާރާތުގެ ފައިނަލުގައި ހިރިމަރަދޫ ވާދަކުރަން ޖެހޭ ޓީމެއް ކަށަވަރުވާނީ މިއަދު (21 އޮގަސްޓް 2024) ވަނަ ދުވަހު މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި ކުޅުދުއްފުށީ ކްލަބް ކޮރަލްސް ބައްދަލުކުރާ މެޗަށް ފަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!