މަންކީ ޕޮކްސް (އެމްޕޮކްސް) ނުވަތަ މަކުނުވިދުރި އާއި ގުޅިގެން ދުނިޔޭގައި މި ބަލިފެތުރުން މޮނީޓާކޮށް، ރާއްޖޭން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ދުނިޔޭގައ ފެތުރެމުންދާ އެމްޕޮކްސްއާއި ގުޅޭގޮތުން އެ އެޖެންސީ މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، ދުނިޔޭގައި މި ބަލި ފެތުރެން ފެށުމާއެކު އެ އެޖެންސީން އަންނަނީ ބަލީގެ ހާލަތު މޮނީޓާކޮށް ވާން ޖެހޭ ތައްުޔާރީތައް ވަމުން ކަމަށެވެ.
މިގޮތުން ރާއްޖެއަށް މި ބަލި އައު،ުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމާއި، ބަލި ކޮންޓްރޯލް ކުރުމާއި، ބަށްޔަށް ޓެސްޓްކޮށް ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމށް އެ އޭޖެންސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި ބަށްޔަށް ސިއްހީ ޚިދުމަތްތެރިން އަހުލުވެރިކޮށް، ސާރވެއިލެންސް ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އެމްޕޮކްސް ފެތުރޭތީ ބައިނަލްއަޤްވާމީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފި
އެމްޕޮކްސްގެ މިހާރު ފެތުރެމުންދާ ސްޓްރެއިން އާންމުކޮށް ފެތުރެނީ ޖިންސީ ގުޅުމުންނެވެ. އެހެންނަމަވެސް އެހެން ގޮތްގޮތުން ވެސް މި ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ. އޭގެ ތެރޭގައި ބަލިޖެހިފައި ހުންނަ މީހާގެ ހަމުގައި ނަގާފައި ހުންނަ ބިހީގައި ނުވަތަ އެއިން ނުކުންނަ ދިޔާގައި، ނޫނީ އެފަދަ މީހަކު ބޭނުންކުރާ ހެދުމެއް، ތުވާލި، ބެޑްޝީޓްފަދަ ތަކެތީގެ ޒަރީއާއިން ވެސް މި ބަލި ފެތުރުމުގެ ފުރުސަތުއޮވެއެވެ. އަދި ގިނަ އިރު ބަލިޖެހިފައިވާ މީހެއް ކައިރީ ހޭދަކުރުމުން ނޭވާލާ ނިޒާމުގެ ޒަރީއާއިން، ބަލިޖެހިފައިވާ ޖަނަވާރެއް ޝިކާރަކުރުމުގެ ތެރެއިން ނުވަތަ ހަންދަމާ ސާފުކުރުމުގެ ތެރެއިން، ނުވަތަ ކަތިލާއިރު ނޫނީ ކެއްކުމުގެ ތެރެއިން ވެސް މި ފެތުރުމުގެ ފުރުސަތުއޮވެއެވެ.
އެމްޕޮކްސް ބަލިޖެހުމުން އާންމުކޮށް ފެންނަ އަލާމަތްތައް
- ހުން އައުން
- ގައިގައި ރިއްސުން
- ވަރުބަލިވުން
- ގޮއްލުން
- ހަމުގައި ބިހިނެގުން ފަދަ އަލާމަތްތައް
ގިނަ ހަރަށް މި ބަލި އަމިއްލަ ޒާތުގައި ރަނގަޅުވެއެވެ. ނަމަވެސް ބަލީގެ ހާލަތުގެ ގޮތުން ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދޭންޖެހޭ ހާލަތު ވެސް ކުރިމަތިވެއެވެ. މި ބައްޔަށް މިހާތަނަށް ވަކި ޚާއްޞަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. މިބައްޔަށް ފޯރުކޮށް ދެވެމުން ދަނީ ބަލިން ފަސޭހަވުމުން އެހީތެރިކަން ލިބޭނެ ފަރުވާއެކެވެ.
އެމްޕޮކްސްއަކީ ބައިނަލްއަގްވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ އާންމު ހާލަތަށް އޮތް ނުރައްކަލެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯ އިން ކަނޑައެޅި 14 އޯގަސްޓް 2024 ގައެވެ. އެ ޖަމިއްޔާއިން މި ހާލަތު އިއުލާންކުރީ އެ ބަލި ފެނުނު އެފްރިކާ ބައްރުގެ ގައުމުތަކުގެ އެހެން ޤައުމުތަކުން ވެސް މި ބަލީ އައު ސްޓްރެއިނެއް ފެނި ފެންނަން ފެށުމުންނެވެ.
މި ވަގުތު މި ބަލި އެންމެ ހަލުވިކޮށް ފެތުރެމުން ދަނީ ކޮންގޯއާއި އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައެވެ. 2022 އަހަރުން ފެށިގެން މިހާތަނަށް ދުނިޔޭގެ 116 ޤައުމަކުން މި ބަލީގެ 99000 ކޭސް ފެނިފަވެއެވެ/
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!