އެމްޕޮކްސް ނުވަތަ މަންކީޕޮކްސް ވައިރަސްގެ އައު ބާވަތެއް އެފްރިކާގައި ފެތުރެމުންދާތީ، ބައިނަލްއަޤްވާމީ ކުއްލި ނުރައްކަލުގެ ޙާލަތު ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އިން އިޢުލާންކޮށްފިއެވެ. މިއީ އެ ޖަމްޢިއްޔާއިން ދޭ އެންމެ މަތީ ދަރަޖައިގެ އިންޒާރެވެ.

ބުދަ ދުވަހު ޑަބްލިއު.އެޗް.އޯ އިން ބުނެފައިވަނީ އެފްރިކާގެ 13 ޤައުމެއްގައި އެމްޕޮކްސް ފެނިފައިވާ ކަމަށާއި، އޭގެ އައު ބާވަތް ފެތުރެމުންދާ ކަމަށެވެ. މިއީ މި ބަލި ފެތުރުމާ ގުޅިގެން ފާއިތުވި ދެ އަހަރު ތެރޭގައި ދެވަނަ ފަހަރަށް މި އިންޒާރު ދީފައިވާ ފަހަރެވެ.

Ad
rt

މި އިންޒާރު ދީފައިވަނީ ކޮންގޯ ޑިމޮކްރެޓިކް ރިޕަބްލިކް (ޑީ.އާރް.ސީ) ގައި މި ބަލި ފެތުރި، އަވައްޓެރި ޤައުމުތަކަށް ފެތުރުމާ ގުޅިގެންނެވެ.

"މިއަދު ކުއްލި ނުރައްކަލުގެ ކޮމިޓީން ބައްދަލުވެ، މިއީ ބައިނަލްއަޤްވާމީ ކުއްލި ނުރައްކަލުގެ ޙާލަތެއްކަމަށް އަހުރެންނަށް ލަފާދިނުމުން، އަހުރެން އެ ލަފާ ޤަބޫލުކޮށްފިން،" ޑަބްލިއު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.

"މިއީ އަހަރެމެން އެންމެން ކަންބޮޑުވާންޖެހޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ދުވަސްތަކާއި ހަފްތާތަކުގައި ބައިނަލްއަޤްވާމީ ފެންވަރުގައި މިކަމަށް އިޖާބަދިނުމުގައި ވިލަރެސްކުރުމަށް ޑަބްލިއު.އެޗް.އޯ އިން މަސައްކަތްކުރާނެކަމަށް ޓެޑްރޮސް ވިދާޅުވިއެވެ. އަދި ބަލި ޖެހިފައިވާ ކޮންމެ ޤައުމަކާއެކު ގާތުން މަސައްކަތްކޮށް، އެ ޤައުމުތަކުގައި ތިބި ޑަބްލިއުއެޗްއޯގެ މީހުން މެދުވެރިކޮށް، ބަލި ފެތުރުން ހުއްޓުވައި، ބަލިޖެހިފައިވާ މީހުންނަށް ފަރުވާދީ، ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރާނެ ކަމަށްވެސް ޓެޑްރޮސް އިތުރަށް ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުން، މި ބަލި ކޮންޓްރޯލްކުރުމަށް ކުރެވޭ ދިރާސާތަކާއި، ފައިސާގެ އެހީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަޅާ ފިޔަވަޅުތަކާއި އެއްބާރުލުން އިތުރުވެގެންދާނެއެވެ. މީގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކުގައި ޤާނޫނީ ގޮތުން ލާޒިމްކުރާ ބައިނަލްއަޤްވާމީ ޞިއްޙީ ޤަވާޢިދުތަކުގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތަށް އިޖާބަދިނުމުގެ ފިޔަވަޅުތައް އެޅޭނެއެވެ.