މަކުނުވިދުރީގެ ކޭހެއް ޕާކިސްތާނުން ފެނުމާއެކު ޔޫރަޕިއަން އޭޖެންސީއިން އިންޒާރު ދީފިއެވެ.

ޕާކިސްތާނުގެ ސިއްހީ ވުޒާރާއިން ހުކުރު ދުވަހު ބުނެފައިވަނީ މަކުނުވިދުރި ނުވަތަ އެމްޕޮކްސް ވައިރަސްގެ ކޭހެއް އެ ގައުމުން ފެނިފައިވާކަމަށެވެ. މިކޭސް ޕާކިސްތާނުން ފެނިފައި މިވަނީ ސްވީޑަނުން އެފަދަ ކޭސްއެއް ފެނުނުކަން ކަށަވަރުކުރިތާ އެއްދުވަސް ތެރޭގައެވެ.

Ad
rt

ޕާކިސްތާނުގެ ޕަޚްތުންޚުވާ ސޫބާގެ ޕަބްލިކް ހެލްތް ޑިރެކްޓަރު އިރުޝާދު ރޯޣާނީ ވިދާޅުވެފައިވަނީ، 34 އަހަރުގެ ބަލިމީހާގެ ކިބައިން ފެނުނީ ކޮން ބާވަތެއްގެ އެމްޕޮކްސް ވައިރަސްއެއްކަން ދެނެގަތުމަށް ސާމްޕަލްތައް އިސްލާމާބާދަށް ފޮނުވާފައިވާ ކަމަށެވެ.

މި ކަންތައްތައް ހިނގަމުންދާ ވަގުތު، ޔޫރަޕިއަން ސެންޓަރ ފޮރ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އީސީޑީސީ) އިން ހުކުރު ދުވަހު އެމްޕޮކްސްގެ ނުރައްކާތެރިކަމުގެ މިންގަނޑު "ދަށުން" "މެދުމިނަށް" އަށް މަތިކޮށްފައިވެއެވެ. އަދި އިތުރު ކޭސްތައް ބޭރުން އެތެރެވެދާނެ ކަމަށް އިންޒާރުދީފައިވެއެވެ.

ސްވީޑަނުން ފެނުނު އާ ބާވަތުގެ އެމްޕޮކްސް ވައިރަސްއަކީ "ކްލޭޑް 1" ގެ ނަމުން މަޝްހޫރު، ފަސޭހައިން ފެތުރޭ އަދި ނުރައްކާތެރި ބާވަތެކެވެ. މި ބާވަތަކީ ސެޕްޓެމްބަރު މަހުން ފެށިގެން ކޮންގޯގައި ފެތުރެމުންދާ ނުރައްކާތެރި ބާވަތެވެ. އަދި ސްވީޑަނުން ފެނުނު ކޭސްއަކީ އެފްރިކާ ބައްރުން ބޭރުން ފެނުނު ފުރަތަމަ ކޭސްކަމަށް ސްވީޑަނުގެ ޕަބްލިކް ހެލްތް އޭޖެންސީން ބުނެފައިވެއެވެ.

އީސީޑީސީގެ ޑިރެކްޓަރު ޕެމެލާ ރެންޑީ ވަގްނަރ ވިދާޅުވެފައިވަނީ، ޔޫރަޕާއި އެފްރިކާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން އިތުރު ކޭސްތައް އެތެރެވެދާނެތީ އެކަމަށް ތައްޔާރުވާން ޖެހޭކަމަށެވެ. މީގެ އިތުރުން، ފްރާންސްއިން ވެސް އެމްޕޮކްސް ވައިރަސްއާ ގުޅިގެން އެ ގައުމުގެ ސިއްހީ ނިޒާމު "އެންމެ މަތީ ފެންވަރުގެ އިންޒާރު" ގެ ހާލަތަށް ބަދަލުކޮށްފައިވެއެވެ.

"ކްލޭޑް 1" އަކީ ކައިރީގައި އުޅޭ މީހުންގެ މެދުގައި ފަސޭހައިން ފެތުރޭ ބާވަތެކެވެ. އެމްޕޮކްސް ވައިރަސްގެ މި އާ ބާވަތް ފެތުރުން ހުއްޓުވުމަށާއި، އިތުރު ކޭސްތައް ދެނެގަތުމަށް މަސައްކަތްތަކެއް ކުރަމުންދެއެވެ. އަދި އާންމު ރައްޔިތުންނަށް ވެސް ސަމާލުވުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އީޔޫއިންނާއި ޑަބްލިއުއެޗްއޯ އިންީ އިރުޝާދު ދެމުންދެއެވެ.