މެޗުގެ ބޮޑުބައި އެއް ކުޅުންތެރުއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ސްޓުޓްގާޓް ބަލިކޮށް ބަޔާން ލެވަކޫސްން އިން ޖަރުމަނު ސްޕަ ކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ލެވަކޫސަން އިން ސްޓުޓްގާޓްގެ މައްޗަށް ކުރި ހޯދީ 4-3 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ލެވަކޫސަން އިންނެވެ. މި ލަނޑު 11 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބިނިފޭސްއެވެ. އޭގެ ހަތަރު މިނެޓް ފަހުން ސްޓުޓްގާޓްގެ އެންޒޯ މިލޮޓް ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގެ 37 ވަނަ މިނެޓުގައި ލެވަކޫސަންގެ މާޓިން ޓެރިއާއަށް ސީދާ ރަތްކާޑެއް ދެއްކުމުން، އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. އޭނާއަށް ރަތްކާޑު ދައްކާފައި ވަނީ ސްޓުޓްގާޓްގެ އެރްމެޑިން ޑެމިރޯވިޗަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ.

ލިބުނު އެޑްވާނޓޭޖާއިއެކު ދެވަނަ ހާފުގައި ސްޓުޓްގާޓް އިން މެޗު ވަރަށް ބޮޑަށް ޑޮމިނޭޓް ކުރިއެވެ. ލަވަކޫސަން އަށް ޖެހުނީ ޑިފެންސަށް އިސްކަން ދީގެން ކައުނޓަ އެޓޭކަށް ބަރޯސާ ވެގެން ކުޅުން ކުރިއަށް ގެންދާށެވެ. މެޗުގެ 63 ވަނަ މިނެޓުގައި ސްޓުޓްގާޓުން ވަނީ ލަނޑުޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ.

ފާއިތުވި ސީޒަންގައި ފަހަތުން އަރާ މޮޅުވުމުގައި އާދަޔާ ހިލާފް ރެކޮޑެއް އޮތް ލެވަކޫސަން އިން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް އުފެއްދި ކައުންޓަ އެޓޭކެއްގައި ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ވިޓްޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖެހީ ޕެޓްރިކް ޝިކްއެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ލެވަކޫސަންއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއިރު، ސްޓުޓްގާޓަށް ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ނާކާމިޔާބުވެ ލެވަކޫސަން މޮޅުވީއެވެ.

ލެވަކޫސަން އަކީ މިދިޔަ ސީޒަންގައި އެއްވެސް މެޗަކުން ބަލިނުވެ ޖަރުމަނު ލީގުގެ ޗެމްޕިއަންކަމާއި، ޖަރުމަނު ކަޕްގެ ތަށި އުފުލައިލި ޓީމެވެ. ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން ލެވަކޫސަން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.